ޚަބަރު

ލަންޑަންގެ ފުލުހުންގެ އިސްވެރިޔާ އިސްތިޢުފާއެއް ނުދެއްވާނެ


އިނގިރޭސިވިލާތުގައި މަރާލި އަންހެނެއްގެ ހަނދާން އައުކުރުމަށް އެ ޤައުމުގައި ބޭއްވި އެއްވުމެއް އަނިޔާވެރިކަމާއެކު ހުއްޓުވުމުން ވެރިރަށް ލަންޑަނުގެ ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުގެ 33 އަހަރުގެ އަންހެނެއްކަމަށްވާ ސާރާ އެވެރާޑު ރައްޓެއްސަކަށް ޒިޔާރަތް ކުރުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި މީހަކުވަނީ އޭނާ ވަގަށް ނަގައި މަރާލައިފައެވެ. އޭނާގެ މަރާ ގުޅިގެން ފުލުހުންގެ އޮފިސަރަކަށްވަނީ ދައުވާކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގައި އެއްވެ އުޅުން މަނާކޮށްފައިވާ ޙާލަތުގައި އެވެރާޑުގެ ހަނދާނުގައި އެތައް ހާސް ބަޔަކުވަނީ ލަންޑަނުގައި އެއްވެފައެވެ. އެ އެއްވުންތައް ރޫޅާލުމަށް ފުލުހުންވަނީ ބާރުގެ ބޭނުންކޮށްފައެވެ. އޭގެ ސަބަބުން ފުލުހުންނަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ލަންޑަނުގެ ފުލުހުންގެ އިސްވެރިޔާ ކްރެސިޑާ ޑިކް މަޤާމުން އިސްތިޢުފާ ދިނުމަށްވެސް ޢާންމުން ދަނީ ގޮވައިލަމުންނެވެ. ނަމަވެސް ކްރެސިޑާ ޑިކް ވިދާޅުވީ އެ ހާދިޘާއާ ގުޅިގެން އޭނާ އިސްތިޢުފާ ނުދެއްވާނެކަމަށާއި އެއްވުން ރޫޅާލުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތަށް އޭނާ ތާޢީދު ކުރައްވާކަމަށެވެ. އިނގިރޭސިވިލާތް އޮތީ ބަލިމަޑުކަމުގެ ޙާލަތުގައިކަމަށާއި ނުރައްކަލަށް ހުށަހެޅޭފަދަ ގޮތަކަށް ޤަވާއިދާ ޚިލާފު އެއްވުންތައް ބާއްވާނަމަ ފުލުހުން ފިޔަވަޅު އަޅާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.