އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާއިން އުފައްދާފައިވާ ކޯވިޑް-19 ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ ފުރުޞަތު އިތުރު ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަޔަލެންޑާއި ޑެންމާކާއި ނޯވޭއާއި އައިސްލެންޑުންވަނީ އެސްޓްރަޒެނެކާގެ ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތައް ދިމާވާކަމަށް ބުނެ އެ ވެކްސިން ދިނުން މެދުކަނޑާލައިފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި ވެކްސިން ދީފައިވާ ބައެއް މީހުންގެ ލޭ ގަނޑުވުމުގެ މައްސަލަތަކެއް ދިމާވުމުން ވެކްސިންގެ ބެޗެއް ބޭނުންކުރުން އޮސްޓްރިޔާއިންވަނީ ހުއްޓާލައިފައެވެ. ނަމަވެސް ޔޫރަޕިއަން މެޑިސިންސް އޭޖެންސީއާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިއުއެޗުއޯއިންވަނީ އެ ހާދިޘާތަކާއި ވެކްސިނާ ގުޅުމެއް އޮތްކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް ބުނެފައެވެ.
ލޭ ގަނޑުވުމުގު މައްސަލަތަކުގެ ކަންބޮޑުވުންތަކުގެ ސަބަބުން އެސްޓްރަޒެނެކާއިންވަނީ ވެކްސިނާ ގުޅޭގޮތުން އެ ކުންފުނިން އެއްކޮށްފައިވާ މަޢުލޫމާތުތައް އަލުން ބަލައިފައެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުގައި ހިމެނޭ އެކި ޤައުމުތަކުގައި މިހާތަނަށް 17 މިލިއަނަށްވުރެ ގިނަ މީހުންނަށް އެސްޓްރަޒެނެކާގެ ވެކްސިންވަނީ ދީފައެވެ. އެ މީހުންގެ މަޢުލޫމާތުތައް ދިރާސާކުރުމުން ވެކްސިންގެ ސަބަބުން ލޭ ގަނޑުވުމުގެ ހާދިޘާތައް ދިމާވުމުގެ ފުރުޞަތު އިތުރުވާކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށް އެސްޓްރަޒެނެކާއިން ބުނެއެވެ.
އެސްޓްރަޒެނެކާއިން ބުނީ ވިލާތުގެ ޞިއްޙަތާބެހޭ އިދާރާތަކާ ގުޅިގެން އިތުރު ތަހުލީލުތައް ކުރަމުންދާކަމަށެވެ. މިހާތަނަށް ކޮށްފައިވާ އެއްވެސް ތަހުލީލަކުން ކަންބޮޑުވާންޖެހޭ ކަމެއް ފާހަގަވެފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާ ގުޅިގެން އެސްޓްރަޒެނެކާއިން ތައްޔާރުކޮށްފައިވާ ކޯވިޑް-19ގެ ވެކްސިން ވިލާތުގެ ޤައުމުތައް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ބޭނުންކުރުމުގެ ޙުއްދަވަނީ ދީފައެވެ. ނަމަވެސް އެ ވެކްސިނަށް އެމެރިކާއިން މިހާތަނަށް ޙުއްދަ ދީފައެއް ނުވެއެވެ.