ކުޅިވަރު

އިންޓަރއިން 9 ޕޮއިންޓްގެ ލީޑެއް ނަގައިފި


އިޓާލިއަން ސެރީއާގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓަރ މިލާނާއި ޓޮރީނޯ ބައްދަލުކުރިމެޗް ކާމިޔާބުކޮށް އިންޓަރއިން 9 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ޓޮރީނޯގެ ދަނޑުގައި ކުޅުނު މިމެޗް އިންޓަރ ކާމިޔާބުކުރީ 2ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ ލިބުނު ޕެނަލްޓީއަކުން އިންޓަރގެ ރޮމެލޫ ލުކާކޫއެެވެ. ޓޮރީނޯއިން އެއްވަރު ކުރި ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހާދިނީ އެންޓޯނިއޯ ސަނަބްރިއާއެވެ. އަދި މިމެޗުން އިންޓަރ މޮޅުވި ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ ލައުޓާރޯ މާޓިނޭޒްއެވެ.

މިކާމިޔާބީއާއެކު އިންޓަރ މިހާރު 27 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 65 ޕޮއިންޓެވެ. އަދި އެންމެ ގާތުން ވާދަކުރާ އޭސީ މިލާން ރޭ ކުޅުނު މެޗުން ބަލިވުމުން އިންޓަރއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވާ ލީޑު ވަނީ 9 ޕޮއިންޓާށް އިތުރު ވެފައެވެ. މިމެޗުން ބަލިވުމުން ޓޮރީނޯ މިހާރު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 20 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.