ކުޅިވަރު

ޓޮޓްނަމްއާ ވާދަކޮށް އާސެނަލް މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލަންޑަނަށް ނިސްބަތްވާ ދެޓީމް ކަމަށްވާ އާސެނަލް އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ އާސެނަލްއިންނެވެ. މިމެޗްގައި އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ވަރުގަދަ އެޓޭކެއް އޮންނަ ސްޕަރސް ފެނިގެންދިޔައީ ތަންކޮޅެއް ބޮޑަށް ޑިފެންސަށް އިސްކަން ދީގެން ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. މިގޮތުން މެޗްގެ 33 ވަނަ މިނެޓްގައި ސްްޕަރސްއިން ވަނީ މިގޮތަށް ލިބުނު ފުރުސަތެއްގައި މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސޮން ހެއުންގ މިން އަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކުޅެން އެރި އެރިކް ލަމޭލާއެވެ. ނަމަވެސް އާސެނަލްއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ 44 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މާޓިން އޮޑެގާޑްއެވެ. އަދި މެޗުން މޮޅުވި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެލެގްޒެންޑަރ ލަކަޒެޑްއެވެ. މިމެޗްގެ 76 ވަނަ މިނެޓްގައި ލަމޭލާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމާއެކު މެޗްގެ ބާކީ އޮތްބައި ސްޕަރސްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. ނަމަވެސް އެއްކުޅުންތެރިއެއް މަދުކޮށް ކުޅުނު ނަމަވެސް ސްޕަރސްއިންވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ގޮސްފައެވެ. ނަމަވެސް ސްޕަރސްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކެލް އާޓެޓާ ބުނީ މިމެޗްގައި އޭނާގެ ޓީމަށް ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށާއި އަދި ބައިކޮޅަށް ލަނޑެއް ވަނުމުން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

މިމެޗުން ބަލިވުމުން ސްޕަރސް އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސްޕަރސްގެ ކޯޗް ޖޯސޭ މޮރީނިއޯ ބުނީ މެޗްގެ ފުރަތަމަ ހާފްގައި އޭނާގެ ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. ފުރަތަމަ ހާފް އެއް ލަނޑު އެއްލަނޑުން ނިމުނު ނަމަވެސް އާސެނަލް ފުރަތަމަ ހާފްގައި މާމޮޅަށް ކުޅުނު ކަމަށް އެނާ ހާމަކުރިއެވެ.