ޚަބަރު

ފްލޯޓިން މަޝްރޫއުގެ ސަބަބުން ބިން މަދު މައްސަލައަށް ހައްލު ލިބޭނެ: ރައީސް ނަޝީދު


ފްލޯޓިން ސިޓީގެ މަޝްރޫޢަކީ، މޫސުމަށް އަންނަ ބަދަލާއި، ބިން މަދުވުމުގެ މައްސަލަތަކަށް ލިބިގެންދާ ބޮޑު ޙައްލެއްކަމަށާއި، މިއީ ދުނިޔޭގައި އެގޮތަށް ތަރައްޤީކުރާ ފުރަތަމަ ސިޓީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީ ކުރުމަށް އެންމެ ފުރަމަތަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މިއެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރި ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ފްލޯޓިން ސިޓީއަކީ އަލަަށް ދުނިޔޭގެ ގައުމެއްގައި ކުރާ މަސައްކަތެއް ކަމަށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ބިން ނެތުންފަދަ މައްސަލަތަކަށް ލިބިގެންދާ ބޮޑު ޙައްލެއްކަމަށާއި، ފްލޯޓިން ސިޓީގެ މަސައްކަތް ފެށުމަކީ ރާއްޖެއަށް ލިބޭ ބޮޑު ފަޚުރެއްކަމަށެވެ.

"މިއީ މޫސުމަށް އަންނަ ބަދަލާއި މި ބާވަތުގެ އެކި ކަންތައްތަކާ ބިން މަދުވުމުގެ މައްސަލަތަކަށް ހުށަހެޅޭ ޓެކްނޮލޮޖީއެއް. މި މަސައްކަތް ފެށޭކަމީ އަޅުގަނޑުމެންގެ އެންމެންނަށް ވެސް ލިބޭ ފަޚުރެއް."ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ހިންގާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ބިލިއަނެއްހާ ޑޮލަރުގެ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު އަޅާނެއެވެ. މިކަމަށްޓަކައި މާލެއަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ވަނީ ދީފައެވެ. މިމަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓުވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން އަޅާ ހައުސިންގް ޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކަށް ވާނެއެވެ.

ފްލޯޓިންގް ސިޓީ އަޅާއިރު މުޅިންވެސް ތިމާވެއްޓާއި ރަހުމަތްތެރި ގޮތްތަކެއް ބޭނުން ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ.