ޚަބަރު

ސްރީ ލަންކާގައި މޫނުބުރުގާ އެޅުން މަނާކޮށް، އިސްލާމީ މަދަރުސާތައް ބަންދުކުރަނީ


ސްރީ ލަންކާގައި މޫނުބުރުގާ އެޅުން މަނާކޮށް އިސްލާމީ ތަޢުލީމު ދޭ މަދަރުސާތައް ބަންދުކުރާނެކަމަށް އެ ޤައުމުން ބުނެފިއެވެ.

ސްރީ ލަންކާގެ އާންމު ސަލާމަތާބެހޭ ވަޒީރު ސަރަތު ވީރަސެކަރަ ވިދާޅުވީ ޤައުމީ ސަލާމަތަށްޓަކައި އެ ޤައުމުގައި މޫނު ބުރުގާ އެޅުން މަނާކުރާ ކަރުދާހެއްގައި އޭނާ ސޮއިކުރައްވާފައިވާކަމަށެވެ. ސްރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ ކަރުދާސް ފޮނުއްވައިފައިވާކަމަށް ވީރަސެކަރަ ވިދާޅުވިއެވެ. އަދި ކުރީ ޒަމާންތަކުގައި ސްރީ ލަންކާގެ މުސްލިމް އަންހެނުން މޫނު ބުރުގާ އަޅާފައި ނުވާކަމަށާއި އެއީ ފަހުގެ ޒަމާންތަކުގައި ތަޢާރަފުވެފައިވާ ހައްދުފަހަނަ އެޅުމުގެ ޢަމަލެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

އޭގެ އިތުރުން، ވީރަސެކަރަ ވިދާޅުވީ ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި ހިންގާ 1،000އަށްވުރެ ގިނަ އިސްލާމީ ތަޢުލީމު ދޭ މަދަރުސާތައް ބަންދުކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. އެ މަދަރުސާތަކުން ސްރީ ލަންކާގެ ޤާއުމީ ތަޢުލީމުގެ ސިޔާސަތުތަކާ ޚިލާފަށް ކިޔަވައިދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

2019ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާގައި ދިން ނުރައްތާތެރި ބޮމުގެ ޙަމަލާތަކަށްފަހު އެ ޤައުމުގައި މޫނުބުރުގާ އެޅުން ވަގުތީގޮތުން މަނާކުރިއެވެ. ސްރީ ލަންކާގައި މޫނުބުރުގާ އެޅުން މަނާކުރުމަށް އަލުން ނިންމާފައިވަނީ ކޯވިޑް-19 ޖެހިގެން އެ ޤައުމުގައި މަރުވާ މުސްލިމުން ވަޅުލުމުގެ ބަދަލުގައި ހަށިގަނޑުތައް އެންދުމަށް މަޖުބޫރުކުރުމަށްފަހުއެވެ.