ޚަބަރު

ޖޯޖު ފުލޮޔިޑުގެ މަރުގެ ބަދަލުގައި 27 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމައިފި


މިދިޔަ އަހަރުގެ މެއި މަހުގެ 25ވަނަ ދުވަހު އެމެރިކާގެ މިނިއަޕޮލިސްގައި ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖު ފުލޮޔިޑު ހައްޔަރުކުރުމުގެ ތެރޭގައި އޭނާ މަރުވުމުން ބަދަލެއްގެ ގޮތުގައި އޭނާގެ ޢާއިލާއަށް 27 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް މިނިއަޕޮލިސް ސްޓޭޓުން ނިންމައިފިއެވެ.

އުމުރުން 46 އަހަރުގެ ޖޯޖު ފުލޮޔިޑު މަރުވެފައިވަނީ އޭނާގެ ކަރުމައްޗަށް ނުވަ މިނެޓުވަންދެން ދޮން ނަސްލުގެ ފުލުހެއްކަމަށްވާ ޑެރެކް ޗައުވިން ކަކުލުން އަރައިހުރުމުން ނޭވާ ހާސްވެގެންނެވެ. އަނިޔާވެރިކަމާއެކު އޭނާ ހައްޔަރުކުރުމުގައި އިތުރު ތިން ފުލުހުންވަނީ ބައިވެރިވެފައިވެއެވެ. އެ ހާދިޘާގެ ވީޑިއޯވެސްވަނީ އާންމުވެފައެވެ. ފުލޮޔިޑުގެ މަރާ ގުޅިގެން ނަސްލީ ތަފާތުކުރުމާއި ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އެމެރިކާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ބޮޑެތި މުޒާހަރާތަކެއް ކުރިއެވެ.

ޖޯޖު ފުލޮޔިޑުގެ ޢާއިލާ ތަމްޞީލުކުރާ ވަކީލު ބެންޖަމިން ކުރަންޕް ވިދާޅުވީ މިއީ އެމެރިކާގެ ތާރީޚުގައިވެސް މީހެއްގެ މަރާ ގުޅިގެން ކޯޓު މަރުޚަލާގެ ކުރިން ޢާއިލާއަށް އެހާ ބޮޑު ބަދަލެއް ދިން ފުރަތަމަ ފަހަރުކަމަށެވެ. ބަދަލުގެ ގޮތުގައި ދޭ ޢަދަދުގެ ބޮޑުކަން ދައްކުވައިދެނީ ފުލުހުންގެ ޢަމަލުތަކުގެ ސަބަބުން މަރުވާ ކަޅު ނަސްލުގެ މީހުންގެ ފުރާނައިގެ މުހިންމުކަންކަމަށް އޭނާ ވިދާޅުވިއެވެ. ފުލޮޔިޑުގެ ޢާއިލާއިންވަނީ އިންސާފު ހޯދުމުގައި ލިބުނު ކުރިއެރުމާމެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފުލޮޔިޑުގެ ޢާއިލާއިންވަނީ ޗައުވިންއާއި އަނެއް ތިން ފުލުހުންނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޗައުވިންގެ މައްސަލަވަނީ ބަލަން ފަށައިފައެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވަނީ ގަސްދަކާ ނުލައި މީހަކު މަރާލުލުމުގެ ދަޢުވާއާއި ތިންވަނަ ދަރަޖައިގައި މީހަކު މަރާލުމުގެ ދައުވާއެވެ. ޗައުވިންވަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަށް ދެކޮޅު ހަދައި އޭނާ ޢަމަލުކޮށްފައިވަނީ އޭނާއަށް ލިބިފައިވާ ފުލުހުންގެ ތަމްރީނުތަކާ އެއްގޮތަށްކަމަށް ބުނެފައެވެ.

އަނެއް ތިން ފުލުހުންނާ ދެކޮޅަށް އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމަށް އެހީތެރިވިކަމުގެ ދަޢުވާ މި އަހަރުގެ ތެރޭގައި ބަލަން ފަށާނެއެވެ. އެ ހަތަރު ފުލުހުންވެސްވަނީ ވަޒީފާއިން ވަކިކޮށްފައެވެ.