ޚަބަރު

މިޞްރުގައި އިންސާނީ ހައްޤުތައް ޤާއިމްކުރުމަށް އެމެރިކާއިން ގޮވާލައިފި


މިޞްރުގައި ނިރުބަވެރިކަމާ ދެކޮޅަށް ޤާއިމްކޮށްފައިވާ ޤާނޫނުތަކުގެ ދަށުން އިންސާނީ ހައްޤުތައް ގެއްލޭ ޢަމަލުތައް ނުކުރުމަށް ހުޅަނގުގެ ޤައުމުތަކުން ގޮވައިލައިފިއެވެ.

ނޫސްބެރިންނާއި އެކްޓިވިސްޓުންނާއި ސިޔާސީ ހަތުރުންނާ ދެކޮޅަށް މިޞްރުގެ ޤާނޫނުތަކުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅުން ހުއްޓާލައި އެފަދަ ފަރާތްތައް މިނިވަންކުރުމަށް އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުންވަނީ ގޮވައިލައިފައެވެ. އެގޮތުން މަދަނީ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް ހުރަހެއް ނެތި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައި ގޮވައިލައިފައިވެއެވެ. އެފަދަ ފަރާތްތަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށްވެސް އެ ބަޔާނުގައި ގޮވައިލައިފައިވެއެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ނެރުނު ބަޔާނުގައި އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ 31 ޤައުމަކުންވަނީ ސޮއިކޮށްފައެވެ. މިއީ 2014ވަނަ އަހަރުގެ ފަހުން މިޞްރުގައި ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް އެމެރިކާއިން ގޮވައިލި ފުރަތަމަ ފަހަރެވެ. އެމެރިކާއަކީ މިޞްރާ ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. ނަމަވެސް މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ޖޯ ބައިޑަންވަނީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލެއް ހިންގާނަމަ އެކަމާ ދެކޮޅަށް އެމެރިކާއިން އަޑު އުފުލާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

އދގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ނެރުނު ބަޔާނާމެދު މިޞްރުގެ ޚާރިޖީ ވުޒާރާއިންވަނީ ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އެ ވުޒާރާއިން ބުނީ އެ ބަޔާނުގައި އެއްވެސް ހެއްކަކާ ނުލައި ހަޤީޤަތެއް ނެތް ވާހަކަތަކެއް ބަޔާންކޮށްފައިވާކަމަށެވެ. އެ ބަޔާނުގައި އެފުރިކާއާއި މެދުއިރުމަތީގެ އެއްވެސް ޤައުމަކުން ސޮއި ކޮށްފައެއް ނުވެއެވެ.