ޚަބަރު

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ވަކިކޮށްފި


ސަޢުދީ ޢަރަބިއްޔާގެ ޙާއްޖާއި ޢުމްރާއާބެހޭ ވަޒީރު މުޙައްމަދު ޞާލިޙު މަޤާމުން ވަކިކޮށްފިއެވެ. އޭނާ މަޤާމުން ވަކިކުރައްވާފައިވަނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާނު ބިން ޢަބްދުލް ޢަޒީޒު ނެރުއްވި ޝާހީ އަމުރުފުޅަކުންނެވެ.

2016ވަނަ އަހަރުގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރުގެ މަޤާމަށް ޢައްޔަނުކުރެވުނު މުޙައްމަދު ޞާލިޙު ވަކިކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި އެ ވުޒާރާއާ ވަޤުތީގޮތުން ޙަވާލުވެވަޑައިގެންފައިވަނީ ސްޓޭޓް މިނިސްޓަރު އިއްސާމް ބިން ސަޢީދެވެ.

ޙައްޖާއި ޢުމްރާގެ މޫސުމުގައި ސަޢުދީ ޢަރަބިއްޔާއަށް އެތައް ބިލިއަން އެމެރިކާ ޑޮލަރެއް ވަދެއެވެ. ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ޙައްޖުގެ އަޅުކަން މެދުކަނޑައިނުލައި ކުރިއަށްގެންދިއުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުންވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މީހުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ބައިވެރިކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1،000 މީހުންނެވެ. އަދި މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޯވިޑް-19 ވެކްސިންގެ ހުރިހާ ޑޯޒެއް ޖަހާފައިވާ މީހުންނަށްކަމަށް ސަޢުދީ ޢަރަބިއްޔާއިންވަނީ ބުނެފައެވެ.