ޚަބަރު

ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއާއި ޖަޕާނާއި އިންޑިޔާއާއި އޮސްޓްރޭލިޔާ އެއްބަސްވެއްޖެ


ކޯވިޑް-19ގެ ވެކްސިން ހަމަހަމަކަމާއެކު ޤައުމުތަކަށް ލިބޭނެ ގޮތް ހެދުމަށާއި މޫސުމީ ބަދަލުތަކާ ގުޅޭ މައްސަލަތަކާއި ސަލާމަތީ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއާއި އޮސްޓްރޭލިޔާއާއި ޖަޕާނާއި އިންޑިޔާއިން އެއްބަސްވެއްޖެއެވެ. އެ ޤައުމުތަކުން އެގޮތަށް ނިންމާފައިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ޗައިނާގެ ނުފޫޒު އިތުރުވުން ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން ވީޑިއޯ މެދުވެރިކޮށް އެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ބައްދަލުވުމަށްފަހު ހަތަރު ޤައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ދީމިޤުރާޠީ ހަމަތަކުން ބާރު ލިބި އެހެން ބައެއްގެ ނުފޫޒަށް ނުގުޑާ މިނިވަން ޤައުމުތަކެއްގެ ގޮތުގައި އޮތުމަށް އެ ޤައުމުތަކުން ބޭނުންވާކަމަށެވެ. އެގޮތުން ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ބެހުމުގައި ހަތަރު ޤައުމުން ވެކްސިން އުފައްދާ މިންވަރު އިތުރުކޮށް އިންޑޯ-ޕެސިފިކް ސަރަޙައްދަށް ވެކްސިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްވަނީ އެއްބަސްވެފައެވެ.

2022ވަނަ އަހަރު ނިމުމުގެ ކުރިން ކޯވިޑް-19ގެ ވެކްސިންގެ އެއް ބިލިއަން ޑޯޒު އެފެއްދުމަށް އިންޑިޔާއިން ކުރާ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިންވަނީ ނިންމައިފައެވެ. އަދި ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމަށް އިންޑިޔާއަށް ލޯނެއް ދިނުމަށް ޖަޕާނުން ދަނީ މަޝްވަރާކުރަމުންނެވެ. އޭގެ އިތުރުން މޫސުމީ މައްސަލަތަކާ ގުޅޭ ވޯކިން ގުރޫޕެއް ހަތަރު ޤައުމުގެ މެދުގައި ޤާއިމްކުރުމަށްވެސްވަނީ ނިންމައިފައެވެ.