ޚަބަރު

ރާއްޖޭގެ ސްޕޭސް މިޝަންގެ ޑައިރެކްޓަރަކަށް ޑރ.ސްރިމަތީ


ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑައިރެކްޓަރަކަށް ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް(އައިޖީއެސް)އިންކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ޑައިރެކްޓަރަކަށް ޢައްޔަންކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ޑރ.ސްރިމަތީ ކޭސަންއެވެ. ޑރ.ސްރިމަތީއަކީ ސެޓެލައިޓް ޑިޒައިންކޮށް ލޯންޗް ކުރުމުގެ ތަޖުރިބާކާރެއްކަމަށް އައިޖީއެސްއިން މަޢުލޫމާތުދެއެވެ.

2017 ވަނަ އަހަރު އެމެރިކާގެ ޖައްވީ އިދާރާކަމަށްވާ ނާސާއިން ލޯންޗުކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓް ލޯންޗްކުރުމުގެ މިޝަންގެ ޑައިރެކްޓަރަކީވެސް ޑރ.ސްރިމަތީއެވެ. އަދި 2019 ވަނަ އަހަރު އިންޑިއާގެ ސްޕޭސް އޭޖެންސީ އިސްރޯއިން ލޯންޗްކުރި ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓގެ މިޝަން ޑައިރެކްޓަރަކީވެސް ޑރ. ސްރިމަތީކަމަށް އައިޖީއެސްއިން މަޢުލޫމާތުދެއްވައެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށްގެންދަނީ އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުގެ ފަންނީ އެހީތެރިކަމާއެކުގައެވެ. މިޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕްގެ ޖައްވީ އިދާރާ އީސާއާއި މިދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެއްކަމަށްވާ ސްޕޭސް އެކްސްގެ ފަންނީ ތަޖުރިބާކާރުން ހިމެނެއެވެ.

އައިޖީއެސްއިން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިފަދަ ޕްރޮގްރާމެއްގައި މިފަދަ ފެންވަރެއްގައި ގިނަ ދިވެހި ކުދިންތަކެއް ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.