ޚަބަރު

އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީންތައް މާދަމާ ފަށަނީ


އަންނަމަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބޭނުންވާ އޮފިޝަލުންގެ ގޮތުގައި ގިނަ ބަޔަކު ހަމަޖެހި، މާދަމާ ތަމްރީން ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.

މިފަހަރުގެ އިންތިޚާބު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ބާއްވާތީ ގިނަ ޢަދަދެއްގެ އޮފިޝަލުން ބޭނުންވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އަށްހާހަށްވުރެ ގިނަ އޮފިޝަލުން މިފަހަރުގެ އިންތިޚާބުގައި ހަރަކާތްތެރިވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި އަތޮޅުތަކުގެ ވޯޓްލާ މަރުކަޒުތަކުގައި ހަރަކަތްތެރިވާ އޮފިޝަލުންގެ %80 މީހުން ހަމަވެފައިވާކަމަށެވެ. އަދި މާލޭގައި ޤާއިމްކުރާ ވޯޓްލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުންގެ %60 ހަމަވެފައިވާކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބަށް ބޭނުންވާ ޢަދަދަށް އޮފިޝަލުން ހަމަކުރުމަށް ސިޔާސީ ޕާޓީތަކަށާއި، މިނިވަން މުއައްސަސާތަކާއި ސިވިލް ސާރވިސް ކޮމިޝަނާއި، ސްކޫލްތަކުގައި ދަންނަވާފައިވާކަމަށެވެ. އަދި އިންތިޚާބު ފެށުމުގެ ކުރިން އޮފިޝަލުން ހަމާވާނެކަމަށްވެސް އީސީން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބާއްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ 532 ވޯޓް ފޮށިކަމަށާއި، ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ، 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އެޗްޕީއޭގެ ގައިޑްލައިންގައި ބަޔާންކުރާތީ އީސީން ވަނީ އެގޮތަށް އިންތިޒާމްކޮށްފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އީސީން ވިދާލުވިއެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓާއި، އިނގިރޭސވިލާތުގައި ބަހައްޓަން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.