ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުގެ ގުރުއަތުލުން ބާއްވައިފި


ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލުގެ ގުރުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ ކްއާޓަރ ފައިނަލްގެ ގުރުއަތުލުން ބާއްވާފައިވަނީ ސްވިޓްޒަލަންޑްގެ ނިޔޯންގައެވެ.
މި މުބާރާތުގެ ކްއާޓަރ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފަރަންސޭސިވިލާތުގެ އޮލިމްޕިކް ލިޔޯން ބައްދަލުކުރާނީ އެޤައުމުގެ ޕެރިސް ސެއިންޓް ޖަރމެއިން އާއި ޗެކްރިޕަބްލިކްގެ ސްޕާޓާ ޕްރާހާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިދެޓީމްގެ ފުރަތަމަ ލެގް 5 ލަނޑު ސުން ލަނޑުން ޕީ.އެސް.ޖީ. ކާމިޔާބުކޮށްފައިވާއިރު ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ސްޕާޓާގެ ދަނޑުގައެވެ. ޖަރުމަނުވިލާތުގެ ބާޔޭން މިޔުނިކް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްވިޑްންގެ ރޮސެންގަރޑްއާއެވެ. އިންގްލަންޑްގެ މެންޗެސްޓަރ ސިޓީ ވިމެން ބައްދަލުކުރުމަށް ލައްވާލީ ސްޕެއިންގެ އެފް.ސީ. ބާސެލޯނާއާއެވެ. އަދި އިންގްލަންޑްގެ ޗެލްސީ ބައްދަލުކުރާނީ ޖަރުމަނުވިލާތުގެ ވުލްފްސްބަރގްއާއެވެ. ވުލްފްސްބަރގް މީގެކުރިންވަނީ މި މުބާރާތުގައި ތިން ފަހަރެއްގެ މަތިން ޗެލްސި ކަޓުވާލާފައެވެ. ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އަދި 24 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގްގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 31 ވަނަ ދުވަހާއި އެޕްރީލްމަހުގެ އެއްވަނަ ދުވަހުއެވެ.

މީގެއިތުރުން މި މުބާރާތުގެ ސެމީފައިނަލްގެ ގުރުލުންވެސް ވަނީ މި ރަސްމިއްޔާތުގައި ބާއްވާފައެވެ. މިގޮތުން ޕީ.އެސް.ޖީ. ނުވަތަ ސްޕާޓާ އާއި ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި ބައްދަލުކުރާނީ ބާސެލޯނާ އާއި ސިޓީ ވިމެން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި ދެވަނަ ސެމީފައިނަލްގައި ބައްދަލުކުރާނީ ބަޔޭން އާއި ރޮސެންގަރޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ޗެލްސީ އާއި ވުލްފްސްބަރގް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީފައިނަލްގެ ފުރަތަމަ ލެގް އެޕްރީލްމަހުގެ 24 އަދި 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 1 އަދި 2 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހު ސްވިޑްންގެ ގޮތެންބަރގްގެ ގަމްލާ އުލޭވީ ސްޓެޑިއަމްގައެވެ.