ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުން އެކަމަނާއަށް ފޮނުވައިފިއެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވާފައިވާކަމަށެވެ.
މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދި މައްސަލައިގައި ބުނެފައިވަނީ ދިވެހިންގެ ލޭނާރުކަމަށްވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ޚިދްމަތްތައް ނުދެވިފައިވާކަމަށެވެ. އަދި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި، ރާއްޖޭގެ ކަނޑުތަކުގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރުމުގެ ފުރުސަތުވެސް ބޭރުގެ ބޯޓުފަހަރުތަކާއި ހެދި ހަނިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާއިރު، މީގެ ކުރިންވެސް ފިޝަރީޒް މިނިސްޓްރީގެ ޤާނޫނުގެ ތެރެއިން ހަދަންޖެހޭ ޤަވާއިދުތައް ނަހަދައިގެން މިނިސްޓަރ ޒިންމާ އަދާނުކުރާ މައްސަލައެއްވެސް މަޖިލިސް ތެރެއިން ބަލާފައިވެއެވެ.
ޤާނޫނު އަސާސީގެ 101ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ. ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެވަޒީރަކު މަޤާމުން ވަކިވީކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅުން މަޖިލީހަށް ވައްދާފައިވާއިރު، އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމްއާއި އެޕާޓީގެ ރައީސް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުބާރު އެބައޮތްކަމަށް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޒަހާ މިސަރުކާރުގެ މިނިސްޓަރުކަމުގައި ހުންނެވީ ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.
މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައިވަނީ މަޖިލީހަށް ހުށައަޅާފައިވާ އެކަމާނާގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާ ދެކޮޅަށް ކުރާ މަސައްކަތެއްކަމަށް ބުނެފައެވެ. އަދި ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތު ދީފައިވާކަމަށާއި އެކަމާއި ހަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން އެބަތިބިކަމަށާއި އެކަމާ ކަންބޮޑުވެ ހިތާމަކުރާކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.