ޚަބަރު

ފަރަންސޭސިވިލާތުގެ އައިސީޔޫތައް އަނެއްކާވެސް ފުރެނީ


ކޯވިޑް-19ގެ ސަބަބުން ހާލު ބޮޑުވެގެން ފަރަންސޭސިވިލާތުގެ އައިސީޔޫތަކުގައި ފަރުވާދެމުންދާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 3.93 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި، 89،301 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 23،302 މީހުންނަށްވަނީ ބަލި ޖެހިފައެވެ.

ފާއިތުވި މަސްތަކުގައި ފަރަންސޭސިވިލާތުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އައިސީޔޫގައި ފަރުވާ ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެ މަހު ގާތްގަނޑަކަށް 5،000 މީހުންނަށް އައިސީޔޫގައި ފަރުވާ ދީފައިވެއެވެ. ފަރަންސޭސިވިލާތުން ޙިއްޞާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަހު ކޮޅުން ފެށިގެން ބަލީގެ ސަބަބުން ޙާލު ދެރަވެ އައިސީޔޫގައި ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މި ހަފުތާގެ ތެރޭގައެވެ.

ފަރަންސޭސިވިލާތުގައި ކޯވިޑް-19ގެ ވެކްސިން ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ބަލީގެ ސަބަބުން ޙާލު ދެރަވުމުގެ ފުރުޞަތު ބޮޑު މީހުންނަށެވެ. ނަމަވެސް އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހުންގެ ޢަދަދުވަނީ މިދިޔަ ޖަނަވަރީ މަހަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޖަނަވަރީ މަހުގެ ފަހުކޮޅުގައި އައިސީޔޫގައި ފަރުވާ ދިން މީހުންގެ ޢަދަދު 3،000އަށް ނާރައެވެ. ނަމަވެސް މިހާރު އެ ޢަދަދު 4،000އާ ގާތްކުރެއެވެ. ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އެކަނިވެސް ހާހެއްހާ މީހުންވަނީ އައިސީޔޫގައި އެނދުމަތިކޮށްފައެވެ.