ޚަބަރު

ހޫޘީން ދެމުންދާ ޙަމަލާތައް ހުއްޓާލައި މަޝްވަރާ ކުރުމަށް އެމެރިކާއިން ގޮވާލައިފި


ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލާތައް އެމެރިކާއިން ކުށްވެރިކޮށްފިއެވެ.

ފާއިތުވި ދުވަސްތަކުގައި ސަޢުދީ ޢަރަބިއްޔާއާއި ހޫޘީންނާ ދެމެދު ވަރުގަދަ ޙަމަލާތަކެއްވަނީ ބަދަލުކޮށްފައެވެ. މާރިޗު މަހުގެ 7ވަނަ ދުވަހު ހޫޘީންވަނީ ސަޢުދީ ޢަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި، އަރަމްކޯގެ ތެޔޮ އުފައްދާ މަރުކަޒަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. އޭގެ އިތުރުން އެ ޤައުމުގެ ދައްމާމާއި އާސިރާއި ޖަޒަންއަށްވެސް ހޫޘީންގެ ޙަމަލާތައްވަނީ އަމާޒުކޮށްފައެވެ. ހޫޘީން އެންމެ ފަހުން ދިން ޙަމަލާތަކުގެ ރައްދުގައި ސަޢުދީ ޢަރަބިއްޔާ އިސްވެ އެކުލަވާލާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުންވެސްވަނީ އެ ޖަމާޢަތުގެ މަޤާމުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.

ސަޢުދީ ޢަރަބިއްޔާއަށް އަމާޒުކޮށް ހޫޘީން ދެމުންދާ ޙަމަލާތަކާ ގުޅިގެން އެމެރިކާއިން ބުނީ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެ ޙަމަލާތަކަކީ ވަރަށް ނުރައްކާތެރި ޙަމަލާތަކެއްކަމަށާއި އޭގެ ސަބަބުން އާންމުން ނުރައްކަލަށް ހުށަހެޅިފައިވާކަމަށް އެމެރިކާއިންވަނީ ބުނެފައެވެ. ޔަމަނުގައި ޞުލްޙަ ޤާއިމްކުރުމަށް ކުރިއަށްގެންދާ ސިޔާސީ މަރުޙަލާތަކުގައި ހޫޘީން ބައިވެރިވާން ތައްޔާރަށް ތިބިކަން އެ ޖަމާޢަތުން ދައްކައިދޭންޖެހޭކަމަށާއި ޙަމަލާ ދިނުން ހުއްޓާލައި މަޝްވަރާކުރަން ފަށަންޖެހޭކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ.