ވިޔަފާރި

އައިޓީބީ ބަރލިންގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެ


ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު އެއް ފެއާރކަމަށްވާ އައި.ޓީ.ބީ ބަރލިންގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 9 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފެއަރ މިއަހަރު ކުރިއަށްދަނީ ވަރޗުއަލް އިވެންޓެއްގެ ގޮތުގައެވެ.

ހަތަރު ދުވަހުގެ މި އިވެންޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޓްރެވެލް ޓްރޭޑާއި ބައްދަލުކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި މިފެއާގައި ވިޔަފާރިގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން، ދިވެހިރާއްޖެ މަޤްބޫލު އަދި ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވިގެން ދާނެއެވެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 15 ކުންފުންޏަކުން 27 ފަރާތްތަކުން ވަނީ މިފައާގައި ބައިވެރިވެފައެވެ. މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސްއިން ލައިވް ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕެނެލްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ ޓުއަރިޒަމް މިނިސްޓަރ، ޑރ. އަބްދުﷲ މައުސޫމް އާއި ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު، ތޮއްޔިބު މުހައްމަދުއެވެ.

ޕްރެސް ކޮންފަރެންސްގައި ދިވެހިރާއްޖެ ޤުދުރަތީގޮތުން ވަކި ރަށްތަކެއް ގޮތުގައި އުފެދިފައި އޮތުމަކީ މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެވާ ސަބަބު ކަމުގައި ބުނެދީ، ދިވެހިރާއްޖެއަކީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވިގެންދާނެއެވެ.

ދިވެހިރާއްޖެ އިތުރަށް އިޝްތިހާރުކޮށް އައި.ޓީ.ބީ ބާރލިންގައި ބައިވެރިވާކަން ހިއްސާކުރުމަށްޓަކައި ފެއާރ ފެށުމުގެ އެއް ހަފްތާ ކުރިން ވަނީ މިކަމަށް ހާއްސަ އެޑްތަކެއް އައި.ޑީ.ބީގެ ވެބްސައިޓްގަ އާއި ސޯޝަލް މީޑިއާގައި ދައްކާލާފައެވެ. މީގެ އިތުރުން އައި.ޓީ.ބީގެ ވެބްސައިޓުގެ ހަބަރުތަކުގެ ތެރެއިން ދިވެހިރާއްޖެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ރަސްމީ ޕާރޓްނަރުންއާއި ސްޕޮންސަރސް ލިސްޓުގައި ހިމަނައިފާވެއެވެ.

މިދިޔަ އަހަރު 555494 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 190000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހިރާއްޖެ އިޝްތިހާކުރަމުން އައި ގޮތް ބަދަލުކޮށް، ވިޒިޓް މޯލްޑިވްސްއިން ވަނީ އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިތުރުކޮށްފައެވެ. އަދި 2021 ވަނަ އަހަރަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ދުނިޔޭގެ އެކި މާކެޓުތަކަށް ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށްޓަކާއި އިތުރު ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޖޮއިންޓް ޕްރޮމޯޝަންތަކާއި ފެމިލިއަރައިޒޭޝަން ޓްރިޕްސް، ޑިޖިޓަލް މީޑިއާ ކެމްޕޭން އަދި ވިޒިބިލިޓީ ކެމްޕޭންތައް ހިމެނެއެވެ.

ޖަނަވަރީ 2021 ގައި މޯލްޑިވްސް އިމިގްރޭޝަންއިން ވަނީ ދުނިޔޭގެ އެންމެ ފުރުތަމަ ޓުއަރ ބޭސްޑް ލޯޔަލްޓީ ޕްރޮގްރާމްވެސް ލޯންޗުކޮށްފައެވެ. މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުކުރެވެއެވެ. މީގެ އިތުރުން އެލައިޑް އިޝުއަރެންސްވެސް ވަނީ "އެލައިޑް އިންބައުންޑް" ޕެކެޖް ތަޢާރަފް ކޮށްފައެވެ.