ވިޔަފާރި

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީ 30.9 އިންސައްތަ ދަށަށް!


މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީ 30.9 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނީ މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ޖުމްލައަކީ 994 މިލިއަން ރުފިޔާކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީމަހާ އަޅާބަލާއިރު، 30.9 އިންސައްތަ ދަށް އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަމަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ. މިގޮތުން، ގްރީން ޓެކްސް، ބީ.ޕީ.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވެފައިވާކަން މީރާއިން ފާހަގަކުރެއެވެ.

މީރާއިން ބުނީ ޓޫރިޒަމް ދާއިރާގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން ދާތީ، މިދިޔަމަހު ލިބުނު އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ 41.2 އިންސައްތަ އިތުރުކަމަށެވެ. މީގެ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުންކަމުގައި މީރާއިން މައުލޫމާތުދެވެ.

ފެބުރުވަރީ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 672.79 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. 107.47 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 34.08 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 33.46 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 82.77 މިލިއަން ރުފިޔާ ހިމެނެއެވެ.