ކުޅިވަރު

މިއަހަރުގެ ޔޫރޯ މުބާރާތަށްފަހު ޖަރުމަނުގެ ކޯޗުކަމުން ލޯ ވަކިވާކަން ހާމަކޮށްފި


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށްފަހު ޖަރުމަނުވިލާތުގެ ޤައުމީ ޓީމްގެ ކޯޗުކަމުން ހޯކިމް ލޯ ވަކިވާނެކަން ހާމަކޮށްފިއެެވެ. ޖަރުމަނުގެ ކޯޗުކަމުން ލޯ މިވަކިވަނީ 15 އަހަރުގެ ދިގު މުއްދަތެއް ވަންދެން ކޯޗުކަން ކޮށްދިނުމަށްފަހުއެެވެ.

ހޯކިމް ލޯ ޖަރުމަނު ޤައުމީ ޓީމްގެ ކޯޗް ކަމާއި ހަވާލުވީ 2006 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ފީފާ ވަރލްޑް ކަޕުން ކެޓުމާއެކު އޭރު ކޯޗަކަށް ހުރި ޖަރގެން ކްލިންސްމަން މަގާމުން އިސްތިއުފާ ދިނުމުންނެވެ. ޤައުމީ ޓީމާއެކު ލޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ވަރލްޑް ކަޕާއެކުއެެވެ. ނަމަވެސް ލޯވަނީ އޭނާގެ އެގްރީމަންޓް މިފަހަރުގެ ޔޫރޯއާއެކު ނިމުމަކަށް ގެނެސްދިނުމަށް އެދި ޖަރުމަނުގެ ފުޓްބޯލް އެސޯސިއޭޝަނުގައި އެދިފައެވެ.

ލޯ ގެ މިނިންމުމަށްފަހު ވާހަކަ ދައްކަމުން އޭނާ ބުނީ މަގާމުން ވަކިވާން ނިންމި ނަމަވެސް ކުރިއަށް އޮތް ޔޫރޯ މުބާރާތް ޖަރުމަނުވިލާތަށް ކާމިޔާބުކޮށްދޭން އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ. އަދި މިވަގުތު އޭނާގެ ހުރިހާ ވިސްނުމެއް ހުރީ އެމުބާރާތަށް ކަމަށްވެސް ލޯ ބުންޏެވެ. ލޯ ބުނީ އޭނާއަށްވަނީ ޖަރުމަނު ޓީމާއެކު ގިނަ ކާމިޔާބީ ތަކަކާއި ހިތްދަތި ނާކާމިޔާބީތަކަކާވެސް ކުރިމަތިލާން ޖެހިފައިކަމަށާއި ނަމަވެސް ޤައުމީ ޓީމާއެކު ހޭދަކުރި މިދުވަސްތައް ވަރަށް އުފާވެރިކަމަށެވެ. އަދި މިމަޤާމުގައި އެހާ ގިނަ ދުވަހު ހުރެވުނީ ޖަރުމަނު ފުޓްބޯލް ފެޑެރޭޝަނުން އޭނާއަށް ކުރި އިތުބާރާއި ދިން އެއްބާރުލުމުގެ ސަބަބުން ކަމަށާއި އެކަމަށް އޭނާ ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

ޖަރުމަނުގެ ޤައުމީ ޓީމާއެކު ލޯއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވަރލްޑް ކަޕް ކާމިޔާބު ކުރުމެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށްވެސް ޖަރުމަނު ޓީމް ގެންގޮސްދިނެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ވަރލްޑް ކަޕްގެ ފުރަތަމަ ބުރުން ޖަރުމަނުވިލާތް ކެޓުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންވެސް އޭނާއަށް އަމާޒުވެގެންދިޔައެވެ.

ޖަރުމަނު ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ފްރިޓްޒް ކެލަރ ހާމަކުރި ގޮތުގައި ލޯގެ ނިންމުން މިހާކުރިން އެއެސޯސިއޭޝަނާއި ހިއްސާ ކުރުމަކީ ލޯ އެފަރާތާއި ބަހައްޓާ ގާތްކަން އަންގާދޭ ކަމެއް ކަމަށާއި އަދި މިހާރު އެއެސޯސިއޭޝަނަށް ލޯ ގެ މަޤާމަށް އާ ކޯޗެއް ހޯދުމަށް ބޭނުންވާ ވަގުތު ލިބޭނެކަމަށެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގައި ޖަރުމަނުވިލާތް ހިމެނިފައިވަނީ ގްރޫޕް އެފްގައެވެ. މިގްރޫޕްގައި ދެން ހިމެނެނީ ހަންގޭރީ، ފަރަންސޭސިވިލާތް އަދި ޕޯޗުގަލްއެވެ. އަދި ފުރަތަމަ މެޗްގައި ޖޫން 15 ވަނަ ދުވަހު ނިކުންނާނީ ފަރަންސޭސިވިލާތާއި ދެކޮޅަށެވެ.