ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޑޯޓްމުންޑް ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ޖަރުމަނު ބުންޑަސް ލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް ޖާގަހޯދައިފިއެެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޑޯޓްމުންޑް ޖާގަހޯދީ ސްޕެނިޝް ލަލީގާގެ ސެވިއްޔާއާއި ބައްދަލުކުރި ދެ ލެގް 5 ލަނޑު 4 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ފަހު 16 ޓީމްގެ ބުރުގެ ފުރަތަމަ ލެގްގައި 3 ލަނޑު 2 ލަނޑުން ޑޯޓްމުންޑް ކުރި ހޯދާފައިވާއިރު ދެވަނަ ލެގްގައި ރޭ ކުޅުނު މެޗް 2 ލަނޑު 2 ލަނޑުން ވީ އެއްވަރެވެ. ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ސެވިއްޔާއެވެ. ނަމަވެސް އެޓީމުން ދެއްކި މޮޅު ކުޅުމާއެކުވެސް މިވަގުތު ޔޫރަޕްގައި އެންމެ ފޯމްގައި ހުރި އެއް ފޯވަޑް ކަމަށްވާ އަރލިންގ ބްރައުޓް ހާލަންޑް ހިފެހެއްޓޭ ގޮތެއް ސެވިއްޔާއަކަށް ނުވިއެެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޑޯޓްމުންޑްގެ ހާލަންޑްއެވެ. އަދި މެޗްގެ 54 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ޑޯޓްމުންޑް މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ކުރަމުންދިޔަ އުންމީދުތައް އިތުރަށް އާކޮށްދީފައެވެ.

މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ހާލަންޑް ކުޅުނު 14 މެޗްގައި ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. ނަމަވެސް މިލަނޑު އޭނާއަށް ކާމިޔާބުކުރެވުނީ ދެވަނަ ފަހަރަށް ޖެހުމުގެ ފުރުސަތު ލިބުމުންނެވެ. އޭނާ ފޮނުވާލި ފުރަތަމަ ޕެނަލްޓީ އާއި ރީބައުންޑް ސެވިއްޔާގެ ކީޕަރ ޔަސީން ބޮއުނޫ މަތަކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ ކީޕަރ މާކުރިން ހަރަކާތްކުރިކަމަށް ނިންމާ އަލުން ޕެނަލްޓީ ޖެހުމުގެ ފުރުސަތު ހާލަންޑަށް ދީފައެވެ. މިމެޗްގައި ސެވިއްޔާއަށް އެޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރެވުނީ މެޗްގެ 68 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޔޫސުފް އެން ނަސްރީއެވެ. އަދި އެޓީމުން މިމެޗްގައި ޖެހި ދެވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީވެސް އެން ނަސްރީއެވެ.

މިކާމިޔާބީއާއެކު ޑޯޓްމުންޑް މިވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް 2016 -2017 ވަނަ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ދަތުރު ކޮށްފައެވެ. މި މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޑޯޓްމުންޑް ބައްދަލުކުރާ ޓީމެއް ކަށަވަރު ވެގެންދާނީ މިމަހުގެ 19 ވަނަ ދުވަހު ބާއްވާ ގުރުއަތުލުމުގެ ރަސްމިއްޔާތަށްފަހުއެެވެ.