ކުޅިވަރު

ލީޑްސް ޔުނައިޓެޑާ ބައްދަލުކޮށް ވެސްޓް ހޭމް މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ވެސްޓް ހޭމް ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުން ވެސްޓް ހޭމް މޮޅުވި ނަމަވެސް ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ކާމިޔާބުކުރީ ވެސްޓް ހޭމްގެ ޖެސީ ލިންގާރޑްއެވެ. މި ލަނޑަކީ އޭނާ ފޮނުވާލި ޕެނަލްޓީއެއް ކީޕަރު ގައިގައި ޖެހިފައި ނުކުތްވަގުތު ދެވަނަ ފަހަރަށް ޖަހައިގެން ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ހަތް މިނެޓް ފަހު ވެސްޓް ހޭމްއިންވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރެއިގް ޑޯސަންއެވެ. މިމެޗްގައި ލީޑްސްއިން ވަނީ އެޓީމް އާންމުކޮށް ކުޅޭ އެޓޭކިންގ ފުޓްބޯޅަ ކުޅެފައެވެ. އަދި ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތެއް މިމެޗްގައި ނުވިއެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިހާރު މިވަނީ ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ހަތަރު ވަނައިގާ އުޅޭ ޗެލްސީއާ ދެޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި ވެސްޓް ހޭމް އެއްމެޗް މަދުން ކުޅެފައިވާތީ ޗެމްޕިއަންސް ލީގުގެ ފަހު ޖާގައަށް އެޓީމަށް އުރުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް ވެސްޓް ހޭމް 27 މެޗް ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 48 ޕޮއިންޓެވެ. މެޗަށްފަހު ވާހާކަ ދައްކަމުން ވެސްޓޭ ހޭމްގެ ކޯޗު ޑޭވިޑް މޮޔެސް ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމަށް ރަނގަޅަށް ނުކުޅެވުނު ކަމަށާއި މެޗް ވެގެންދިޔައީ ވަރަށް އުނދަގޫ މެޗަކަށެވެ.

މިމެޗުން ބަލިވުމުން ލީޑްސް އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެެވެ.