ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގަށް ގެންނަ ބަދަލު މިމަސްތެރޭ ނިމޭނެ


ޔޫރަޕްގެ ކްލަބް ތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔުއޭފާ ޗްމެޕިއަންސް ލީގުގައި ވާދަކުރާ ޓީމް ތަކުގެ އަދަދު އިތުރުކޮށް މުބާރާތަށް ގެންނަން މަސައްކަތް ކުރާ ބަދަލުތަށް މިމަސް ތެރޭގައި ކޮޅެއްގައި ޖެހޭނެކަމަށް ބެލެވެން ފަށައިފިއެވެ.

ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަންގެ ޗެއާމަން އެންޑްރިއާ އަގްނެއްލީ ހާމަކުރާގޮތުގައި ޗެމްޕިއަންސް ލީގަށް ހަތަރު ޖާގަ އިތުރު ކުރާނެ ގޮތަކާމެދު ކުރިއަށް އޮތް ދެތިން ހާފްތާގެ ތެރޭގައި އެއްބަސް ވެވޭނެކަމަށް ޤަބޫލް ކުރާކަމަށެވެ. ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަންއިން މިގޮތަށް މިކަން ކޮށްފިނަމަ ޔުއޭފާއިން ލަސް ނުކޮށް އެގޮތަށް އެކަން ނިންމާނެކަމަށްވަނީ ބެލެވިފައެވެ. ޗެމްޕިއަންސް ލީގަށް މިބަދަލުތަށް ގެނެވިއްޖެނަމަ ޔޫރަޕްގެ ބައެއް ބޮޑެތި ކްލަބްތަކުން އުފެއްދުމަށް މަސައްކަތް ކުރާ ޔޫރަޕިއަން ސުޕަރ ލީގުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެކަމަށްބެލެވެއެވެ.

ޗެމްޕިއަންސް ލީގަށް އަލަށް ގެނައުމަށް މަސައްކަތް ކުރާ ބަދަލުތަކުގެ ހިޔާލަކީ އަޔެކްސް އެމްސްޓަޑަމްގެ ޗީފް އެގްޒެކެޓިވް އަދި ކުރީގެ ތަޖްރިބާކާރު ކީޕަރ އެޑްވިން ވެން ޑަރ ސާގެ ހިޔާލެކެވެ. މިބަދަލުތަކާއެކު އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ގްރޫޕް ސްޓޭޖަށް ކަމަށްވެއެވެ. މިގޮތުން މިހާރު މިއޮންނަ ގޮތް ކަމަށްވާ ހަތަރު ޓީމްގެ އަށް ގްރޫޕްގައި ކޮންމެ ޓީމެއް ހަމެޗް ކުޅުމުގެ ބަދަލުގައި ޔުއޭފާ ރޭންކިންގއަށް ބަލާ ކޮންމެ ޓީމެއް އެކިފެންވަރުގެ 10 ޓީމާއި ބައްދަލުކުރާގޮތަށް ބަދަލުވެގެންދާނެއެވެ. އަދި މެޗްތަކުން ނިކުންނަ ނަތީޖާތަކާއެކު ހުރިހާ ޓީމްތަކެއް އެކުލެވޭ ތާވަލެއް ހެދި އަދި ބައެއް ޓީމްތަށް ޕްލޭ އޮފް ދެމެޗް ކުޅެގެން ނޮކްއައުޓް ރައުންޑަށް ޓީމްތަށް ހޮވޭގޮތަށްވަނީ ހުށަހެޅިފައެވެ.

ޗެމްޕިއަންސް ލީގަށް އަލަށް އިތުރު ކުރުމަށް މަސައްކަތް ކުރާ ހަތަރު ޖާގަ ދިނުމަށް ވާހަކަ ދެކެވެނީ ޔޫރަޕްގެ މެދު ފަންތީގެ ލީގުތައް އޮންނަ ހަތަރު ޤައުމެއްގެ ލީގު ޗެމްޕިއަން ޓީމަށެވެ. އަދި އެއީ މިހާރު އޮޓަމެޓިކުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބޭ ހަތަރު ޤައުމަށް ހެދުމަށްވެސް މަސައްކަތް ކުރެވެމުންދެއެވެ. ޗެމްޕިއަންސް ލީގަށް މިބަދަލުތައް މިހާރު ގެނައި ނަމަވެސް އެއަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިބަނީ 2024 ވަނަ އަހަރުގެ ސީޒަންގައެވެ.