ކުޅިވަރު

މޮޅު ކުޅުންތެރިޔާގެ މަގާމްގައި އެންމެ ގިނަ ދުވަހުގެ އާ ރިކޯޑެއް ޖޯކޮވިޗަށް


ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ މަގާމްގައި އެންމެ ގިނަ ހަފްތާ ވަންދެން އޮތުމުގެ އާ ރިކޯޑެއް ސަރބިއާގެ ނޯވަކް ޖޯކޮވިޗް ގާއިމްކޮށްފިއެވެ. މި ރިކޯޑް މިހާތަނަށް އޮތީ ދުނިޔޭގެ ކުރީގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ އަތުގައެވެ.

ފެޑެރަރވަނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމްގައި 310 ހަފްތާ ހޭދަކޮށްފައެވެ. ޖޯކޮވިޗް މިހާރު މިވަނީ އެއްވަނަ މަގާމްގައި 311 ހަފްތާ ހޭދަކޮށްފައެވެ. މިދިޔަ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް 18 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޯކޮވިޗް ބުނީ ފެޑެރަރ ގާއިމްކޮށްފައިވާ މިރިކޯޑް މުގުރާލުމަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށެވެ. އަދި އޭނާގެ އާއިލާވަނީ އެންމެ ފުރަތަމަ ދުވަހުން ފެނިގެން އޭނާގެ މަސައްކަތަށް ވަރަށް ބޮޑަށް އެހީވެފައިކަމަށްވެސް އެނާ ބުންޏެވެ. ޖޯކޮވިޗްވަނީ ދުނިޔޭގެ އެއްވަނަ މަގާމަށް ފަސް ފަހަރެއްގެ މަތިން އަރާފައެވެ. އަދި ފަސް ވަނަ ފަހަރަށް މިމަގާމަށް އަރާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭނާ އެންމެ ގިނަ ދުވަހު އެއްވަނަ މަގާމްގައި ހޭދަކޮށްފައިވަނީ ޖުލައި 2014 އިން ނޮވެމްބަރު 2016 އާ ދެމެދު 122 ހަފްތާ ވަންދެނެވެ.

ފެޑެރަރ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމައި ގުޅޭގޮތުން ވާހާކަ ދައްކަމުން ޖޯކޮވިޗް ބުނީ ފެޑެރަރ މިއުމުރުގައި އެކުރާ މަސައްކަތަކީ އޭނާއަށާއި ޓެނިސް ކުޅޭ އެހެން ކުރިހާ ކުޅުންތެރިންނަށް މި ކުޅިވަރުގައި ގިނަ ދުވަހު ދެމި ހުރުމަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި ފެޑެރަރ އަލުން ކުޅެން ފެށުމުން ވަރަށް އުފާވާކަމުގައިވެސް ޖޯކޮވިޗް ބުންޏެވެ. މީގެ 15 އަހަރު ކުރިން އޭނާ ޓެނިސް ކުޅެން ފެށި އިރު އޭނާގެ ހިތުގައި އޮތީ ދެ ޗެލެންޖެއް ކަމަށާއި އެއީ ފެޑެރަރ އާއި ރަފައެލް ނަދާލްއަށް ވުރެ ކުރިއަށް އެރުން ކަމަށެވެ. އަދި މިއަދު މިހާހިސާބަށް މިއާދެވުނީ އެދެކުޅުންތެރިންގެ ސަބަބުން ކަމަށާއި އެއީ އޭނާ އަބަދުވެސް ވިސްނަނީ އެދެކުޅުންތެރިން ބަލިކުރެވޭނެ ގޮތްތައް ހޯދާ އޭނާގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.

ޖޯކޮވިޗް ބުނީ މިރިކޯޑާއެކު އޭނާ ދެން ބޮޑަށް މަސައްކަތް ކުރާނީ ގްރޭން ސްލޭމް މުބާރާތްތަކަށް އިސްކަން ދީގެންކަމަށެވެ.