ޚަބަރު

ޒަމްްޒަމް ވަޅަށް އެންމެ ފުރަތަމަ ފޭބި ޔަޙްޔާ ވަކިވެގެންދިއުން


ޒަމްޒަމް ވަޅަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރެއްވި އިންޖީނިއަރު، ޔަޙްޔާ ހަމްޒާ ކޯޝަކްގެ ނަން ލިޔެވިފައިވަނީ އިންޖިނޭރުންގެ ބައްޕަގެ ގޮތުގައެވެ. ޔަޙްޔާ ހަމްޒާއަކީ ޒަމް ޒަމް ވަޅަށް އެންމެ ފުރަތަމަ ފޭބި އެކަކުއެވެ. 1979 ވަނަ އަހަރު ޒަމްޒަމް ވަޅު ސާފުކުރުމަށް ހިންގި މަޝްރޫއުގެ އިސްވެރިއެއްގެ ގޮތުގައި ހުރެ އެކަމުގައި އަމަލީ ގޮތުން އޭނާ ވަނީ ބައިވެރިވެޑައިގެންފައެވެ. މިމަހުގެ 1ވަނަ ދުވަހު ކޯޝަކް އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

އިންޖިނީއަރުންގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ ކޯޝަކް އުފަންވެވަޑައިގަތީ ސަޢުދީ ޢަރަބިއްޔާގެ މައްކާގައެވެ. ކޯޝަކްގެ ބައްޕައަކީ މައްކާގައި ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. ތުރުވީލާތާއި ޔޫރަޕާއި އެމެރިކާގެ އިތުރުން އޮސްޓްރޭލީއާއިން މައްކާއަށް ހައްޖަށް އަންނަ މީހުންނާއި ހަވާލުވެ އެމީހުންގެ އެންމެ އިސްމީހާ މުތައްވިފްގެ ގޮތުގައި ކޯޝަކްް ބައްޕައް ވަނީ މަސައްކަތްކުރައްވާފައެވެ. އޭނާގެ މަންމަ ނިސްބަތްވަނީ ތުރުކީވިލާތަށެވެ.

ކޯޝަކް އުފަންވެވަޑައިގަތީ މައްކާގައި ތަޢުލީމީ ނިޒާމު ފަށައިގެން ދުވަސްވަރެވެ. ކޯޝަކް ތަޢުލީމު ހާޞިލްކުރެއްވީ ޠާއިފުގައި ޤާއިމްކުރި އެންމެ ފުރަތަމަ އެއް މަދަރުސާގައެވެ. އޭނާ އިންޖިނީއަރިންގ ކިޔަވާ ވިދާޅުވީ މިޞްރުގެ ކައިރޯގައި ހުންނަ އައިން ޝަމްސް ޔުނިވަސިޓީގައެވެ. އެއަށްފަހު ސިވިލް އިންޖީނިއަރިން އެންޑް ހެލްތުން މާސްޓާސްއާއި އިންޖިނީއަރިން ސައިންސަސްއިން ޕީއެޗުޑީ ހާޞިލްކުރެއްވީ އެމެރިކާގެ ވޮޝިންޓަން ޔުނިވަސިޓީގައެވެ.

ކޯޝަކްއަކީ ސަޢުދީ ޢަރަބިއްޔާގައި އެންމެ ފުރަތަމަ އުފެދުނު ތިމާވެއްޓާއި ބެހޭ އިންޖީނިއަރެވެ. ގިނަ މީހުންނަށް އޭރު އެއީ ކޮން ދާއިރާއެއްކަމެއް ނޭނގެއެވެ. އެ ދާއިރާއަކީ ފެން ތަޣައްޔަރުވުމާއި ކުނި ނައްތާލުމާއި، ފެނުގެ ސަޕްލައި ދެމެހެއްޓުމާއި، ވާރޭވެހި ފެންބޮޑުވުމާއި ނަރުދަމާއާ ގުޅުންހުރި ކަންކަމުގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދައިދޭ ދާއިރާއެކެވެ.

ކޯޝަކްގެ ވަޒީފާގެ ޙަޔާތް ފެއްޓެވީ 1970ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ދުވަސްވަރަކީ ސަޢުދީ ޢަރަބިއްޔާގައި ފެނާގުޅޭ އިންޖިނީއަރިނަށް އޮތް ޝައުގުވެރިކަމާއި ބޭނުންތެރިކަން ވަރަށް ބޮޑުވެފައި އޮތް ދުވަސްވަރެކެވެ. އިންޖީނިއަރިންގެ އިތުރުން ޤުދުރަތީ ބޭސްފަރުވާއަށްވެސް ކޯޝަކްގެ ހިތުގައި އެދުވަސްވަރު ޝައުގުވެރިކަން އުފެދުނެވެ. އެ ދާއިރާއިން އޭނާއަށް ގިނަ އިނާމުތަކާއި އެވޯޑުތައްވަނީ ލިބިވަޑައިގެންފައެވެ. އެ ދާއިރާއާ ގުޅުންހުރި ޞިއްޙީ މަރުކަޒެއްވެސް އޭނާވަނީ ޖިއްދާގައި ހުޅުވާފައެވެ.

ޒަމްޒަމް ވަޅަށް ޚިދުމަތްކުރެއްވުމަކީ ކޯޝަކްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތެވެ. ތުއްތުއިރު ކޯޝަކް އުޅުއްވި ގެ ހުންނަނީ މަސްޖިދުލް ހަރާމްގެ އަލްސަފާ ގޭޓާ 150 މީޓަރު ދުރުގައެވެ. އެހެންކަމުން ގޭގެ ކުޑަދޮރުން ވަރަށް ރީއްޗަށް ޒަމްޒަމް ވަޅު ފެނެއެވެ. ކުޑައިރުއްސުރެ ޒަމްޒަމް ވަޅަށް ޝައުގުވެރިކަން އުފެދި އެ ޝައުގުވެރިކަން ދިޔައީ އެއް ދުވަހަށްވުރެ އަނެއް ދުވަހަށް އިތުރުވަމުންނެވެ. ޒަމްޒަމް ވަޅާގުޅޭ އެންމެ ކުރީގެ ހަނދާނެއްގެ ގޮތުގައި ކޯޝަކް ސިފަކުރައްވާފައިވަނީ އުމުރުން އެންމެ ތިން އަހަރުފުޅުގައި މައިންބަފައިންނާ ސިއްރުން ފަޖުރު ވަގުތުގައި ވަޅަށް ޒިޔާރަތްކުރުމެވެ.

އެ ޒަމާނަކީ ޒަމްޒަމް ވަޅަށް ބާލިދީ ބާލައިގެން ފެން ނެގި ޒަމާނެވެ. ޒަމްޒަމް ފެނާމެދު މީހުން އެހާ ޝައުގުވެރިވަނީ ކީއްވެކަމާމެދު އޭނާ އަބަދުވެސް ދިޔައީ ސުވާލުކުރަމުންނެވެ. ބޮޑުވަމުންދިޔައިރު ކޯޝަކް ދިޔައީ ޒަމްޒަމް ފެނާބެހޭ މަޢުލޫމާތުތައް އެއްކޮށް ދިރާސާކުރަމުންނެވެ.

ކޯޝަކްގެ އުމުރުން 10 އަހަރުގައި ކޯޝަކްގެ ބައްޕަގެ އަރިހުން ވަޅު ހުންނަ ސަރަޙައްދުގައި އަވިން ނިވާވެވޭނެ އެއްޗެއް ހަރުކުރުމަށް ކަމާބެހޭ އިދާރާއަކުން އެދުނެވެ. އެ ދުވަސްވަރު ސަރުކާރުން ދިޔައީ ވީހާވެސް ސާފުތާހިރު އަދި ރައްކާތެރިގޮތަކަށް އާންމުންނަށް ޒަމްޒަމް ފެން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަމުންނެވެ. އެހާހިސާބުން ކޯޝަކްގެ ބައްޕަވަނީ ވަޅުން ފެން ނެގުމަށް ޕަމްޕު ބޭނުންކުރުމުގެ ޚިޔާލު ސަރުކާރަށް ދެއްވާފައެވެ. އޭނާގެ މަސައްކަތުން ކާމިޔާބުކަމާއެކު ފުރަތަމަ ޕަމްޕު ހަރުކުރުމުން އާންމުންނަށް ފެން ފޯރުކޮށްދޭ ގޮތަށް ބޮޑު ބަދަލެއް އައެވެ. އެހާހިސާބުން ކޯޝަކް ނިންމީ އޭނާގެ ޙަޔާތުގެ ލަނޑުދަނޑިއަކީ އާންމުންނަށް ސާފު ފެން ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގެއް ހޯދައިދިނުންކަމަށް އަޒުމް ކަނޑައެޅުމަށެވެ.

ތަޢުލީމު ހާޞިލްކުރެއްވުމަށްފަހު ކޯޝަކް ފުރަތަމަ މަސައްކަތްކުރެއްވީ މިނިސްޓްރީ އޮފް އިންޓީރިއާ ފޮރ މުނިސިޕަލް އެފެއާޒްގައެވެ. އޭގެ ފަހުން މައްކާގެ ޓެކްނިކަލް ކަންކަމާގުޅޭ ނައިބު މޭޔަރުގެ މަޤާމުގެ އިތުރުން ސަރުކާތުގެ އިސް ގިނަ މަޤާމުތަކެއް ފުރުއްވިއެވެ.

އޭނާގެ މަސައްކަތުގެ ޙަޔާތުގައި މަސްޖިދުލް ޙަރާމުގެ މަތަޢަފް ސަރަޙައްދު ބޮޑުކޮށް ޒަމްޒަމް ވަޅަށް އެންމެ ފަސޭހައިން ކައިރިވެވޭވެނެ މަގުތައް ދެނެގަތުމާއި މިސްކިތުގެ ތެރޭގައި ޒަމްޒަމް ފެން ބެހޭނެ އެންމެ ހަރުދަނާ ގޮތްތައް ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ. އޭގެ އިތުރުން ވާރޭވެހުމުން މިސްކިތުގައި ފެންބޮޑު ނުވާނެގޮތަށް ފެން ހިންދުމުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ރޭއްވެވުމުގެ މަސައްކަތުގައިވެސް އެމަނިކުފާނު އިސް ދައުރެއް ޢަދާކުރެއްވިއެވެ. ޒަމްޒަމް ފެނުގެ ތާޒާކަމާއި ހަޤީޤީ ރަހަ ދެމެހެއްޓޭނެފަދަ ގޮތަކަށް ޒަމްޒަމް ފެން ފޯރުކޮށްދިނުމަށް އޭނާ ކުރެއްވި މަސައްކަތްވަނީ ކާމިޔާބުކުރައްވާފައެވެ.
ކޯޝަކްވަނީ ޒަމްޒަމް ފެނާބެހޭގޮތުން ފޮތެއްވެސް ލިޔުއްވާފައެވެ. އޭގެ އިތުރުން އެ ފެނާބެހޭ ޚާއްޞަ ޑޮކިއުމެންޓްރީއެއްވެސް އެމަނިކުފާނުވަނީ އުފައްދަވާފައެވެ. އެ ޑޮމިއުމެންޓްރީވަނީ ހަތް ބަހަކަށް ތަރުޖަމާކޮށް ގެނެސްދީފައެވެ.

މުޙައްމަދު

އެޑޮކިއުމަންޓަރީ އާއި ގުޅޭ އިތުރު މަޢުލޫމާތެއް ނެއްތޯ