ޚަބަރު

އެޗްޕީއޭގެ ގައިޑްލައިން އިޞްލާހުކޮށް އިންތިޚާބަށް ލުއިތަކެއްދޭން އެއްބަސްވެއްޖެ


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ހަދާފައިވާ ގައިޑްލައިންގައި ހުރި ގޮންޖެހުންތައް އިޞްލާހުކޮށް އިންތިޚާބު ބޭއްވޭނެގޮތަށް ލުއިތައް ދިނުމަށް ނިންމައިފިއެވެ.

މިހާރު އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބު ބޭއްވުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލާ އާންމު ކުރަންވާނެކަމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެޗްޕީއޭއިން އިންތިޚާބު ކުރިއަށް ގެންދާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވިއެވެ. ނަމަވެސް އެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ.

އިންތިޚާބު ބޭއްވުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި ބައްދަލުކުރައްވާފައެވެ.

ކޮމިޓީ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިންގައި އިންތިޚާބަށް ވަކި ޚާއްޞަ ލުއިތަކެއް ނެތްކަމަަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ ކޯވިޑް-19އާއި ގުޅޭ އާންމު އުސޫލްކަމަށާއި، ކޯވިޑްގެ ތެރޭގައި އިންތިޚާބު ބޭއްވި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އިންތިޚާބު ބާއްވާފައިވަނީ ލުއިތަކެއް ދީގެންކަމަށް ޝަރީފް ވިދާޅުވިއެވެ. އެފަދަ ލުއިތަކެއް ނުދީ އިންތިޚާބު ބޭއްވުމަށް ދަތިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، ކޯވިޑަށް ޕޮޒިޓިވް އަދި ކަރަންޓީގައި ތިބޭ މީހުންނަށްވެސް ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. އެހެންކަމުން އިންތިޚާބު ބާއްވާ ދުވަހު ޕޮޒިޓިވް ވާމީހުންނަށްވެސް ވޯޓުލުމުގެ ފުރުޞަތު ދޭންޖެހޭކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"ގައިޑްލައިންގައި އޮތްކަމެއް އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ތަންފީޒް ނުކުރެވޭނެކަމެއް އެއީ އެކަން އަޅުގަނޑަށް ފެންނަނީ އުނިކޮށްލަން. ސަބަބަކީ ގައިޑްލައިންގައި އެ އޮވެއްޖެއްޔާ ބަޔަކު އެ ހިފައިގެން ކޯޓަށް ގޮސް މިއާއެއްގޮތަށް ނޫނޭ އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރީ ބުނުމުގެ ފުރުޞަތު އެބައޮވޭ. މިސާލަކަށް ގައިޑްލައިންގައި އެބައޮވޭ ޕޮޒިޓިވްވެފައި ތިބޭ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން ތިބި ތަނެއްގައި ވޯޓްލުމުގެ ފުރުޞަތު ތަނަވަސްކޮށްދޭން ޖެހޭނޭ. އެއީ އަޅުގަނޑުމެންނަށް ހަމަ ޤާނޫނީ ގޮތުން އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއްނޫން. އެއީ ޕޮޒިޓިވް ވެފައިތިބޭ މީހުންގެ ޢަދަދު އެދުވަހުގަ އަޅުގަނޑުމެންނަކަށް ނޭގޭނެ. ސަބަބަކީ 14 ދުވަސް ކުރިން އަޅުގަނޑުމެން ވޯޓާސް ލިސްޓް ޑިވެލޮޕްކުރަންޖެހޭނެ. އޭގަ ކެނޑިޑޭޓުން ސޮއިކޮށްފަ އޭގެ ފަހުން އިތުރު ބަދަލުތަކެއް ނުގެނެވޭނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ގައިޑްލައިން އޮތްގޮތުން އިންތިޚާބަށް ބޮޑު ޚަރަދެއްވެސް ހިނގާނެކަމަށެވެ.


ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ އިލެކްޝަންސް ކޮމިޝަންގެ ކަންބޮޑުވުންތައް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މައިމޫނާ ވަނީ ކޯވިޑް-19އިގެ ހާލަތަށް ބަލާ ލުއިތަކެއް ދިނުމަކީ އެކަމުގެ ރިސްކު ބޮޑުވާނެކަމެއްކަންވެސް ފާހަގަކުރައްވާފައެވެ. މައިމޫނާ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ހާލަތު އޮތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަންޖެހޭ ޙާލަތުގައިކަމަށެވެ.

"އުސޫލްތައް ކަނޑައެޅިފައި އެހުރީ ރައްކާތެރިކަމާއެކު އިންތިޚާބުގެ ކަންތައްތައް ގެންދިއުމަށްޓަކައި ޢަމަލުކުރަންވީ ގޮތަށް."ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނާއި އެޗްޕީއޭގެ ވާހަކަތަކަށް ފަހު ކޮމިޓީގެ މެންބަރުންވެސް ވަނީ އިންތިޚާބު ބޭއްވުމަށް އިތުރު ލުއިތަކެއް ދޭންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ގައިޑްލައިނަށް އިޞްލާހު ގެންނަންޖެހޭކަމަށްވެސް މެންބަރުން ވިދާޅުވިއެވެ. މިއާއެކު ކޮމިޓީ ބައްދަލުވުން ނިންމާލެއްވީ އެޗްޕީއޭއާއި އިލެކްޝަންސް ކޮމިޝަން މަޝްވަރާކޮށް ގައިޑްލައިން އިޞްލާހުކޮށް އަންނަ ބުރާސްފަތި ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމަށް ހުށައެޅުމަށް ނިންމުމަށްފަހުއެވެ.