ޚަބަރު

ސަޢުދީ ޢަރަބިއްޔާއާއި ހޫޘީންނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފި


ސަޢުދީ ޢަރަބިއްޔާގެ މައި ތެޔޮ މަރުކަޒުތަކަށް ޢަމާޒުކޮށް ޔަމަނުގެ އިދިކޮޅު ހޫޘީ ޖަމާޢަތުން ޑްރޯނާއި މިސައިލް ޙަމަލާތަކެއް ދީފިއެވެ.

ހޫޘީންވަނީ ސަޢުދީ ޢަރަބިއްޔާގެ ރައުސް ތަނޫރާގައި ހުންނަށް އަރަމްކޯގެ މަރުކަޒަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. ސަޢުދީ ޢަރަބިއްޔާއިން ބުނީ އެ ޙަމަލާތަކުގެ ބޭނުމަކީ މުޅި ދުނިޔެއަށް ފޯރުކޮށްދެމުންދާ ހަކަތައަށް ބުރޫ އެރުވުންކަމަށެވެ. އަދި އެ ޙަމަލާތަކަކީ ވަރަށް ފިނޑި ނިރުބަވެރި އަމަލެއްގެ ގޮތުގައި އެ ޤައުމުންވަނީ ސިފަކޮށްފައެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް އަދި އިމާރާތަކަށްވެސް ގެއްލުމެއް ނުލިބޭކަމަށް ސަޢުދީ ޢަރަބިއްޔާގެ ހަކަތައާބެހޭ ވުޒާރާއިން ބުނެއެވެ.

ހޫޘީން ބުނީ ސަޢުދީ ޢަރަބިއްޔާއަށް ދިން ޙަމަލާތަކުގައި ބޭނުންކުރީ 14 ޑްރޯނާއި 8 ބެލިސްޓިކު މިސައިލުކަމަށެވެ. ސަޢުދީ ޢަރަބިއްޔާގެ ތެޔޮ މަރުކަޒުތަކުގެ އިތުރުން އެ ޤައުމުގެ ދައްމާމާއި އާސިރާއި ޖަޒަންއަށްވެސް ހޫޘީންގެ ޙަމަލާތައްވަނީ އަމާޒުކޮށްފައެވެ. މީގެ ކުރިން ސަޢުދީ ޢަރަބިއްޔާއިންވަނީ ޙަމަލާ ދިނުމަށް ހޫޘީން ބޭނުންކުރާ 12 ޑްރޯން ވައްޓާލައިފައެވެ.

ހޫޘީން އެންމެ ފަހުން ދިން ޙަމަލާތަކުގެ ރައްދުގައި ސަޢުދީ ޢަރަބިއްޔާ އިސްވެ އެކުލަވާލާފައިވާ ޢަރަބި އަސްކަރީ އިއްތިޙާދުންވަނީ އެ ޖަމާޢަތުގެ މަޤާމުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.