ޚަބަރު

ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަށް ލާފައިދޭ އެއްޗެއް ނޫން: މިނިސްޓަރ މާރިޔާ


ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަށް ލާފައިދޭ އެއްޗެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އައްޑަނަ މަޖައްލާގެ މިހަފްތާގެ ޢަދަދަށް މިނިސްޓަރ ލިޔުއްވި ލިޔުއްވުމުގައި އަންހެނުންގެ ދުވަހުގެ ހެެޔޮއެދުމާއި ތަހުނިޔާ ފޮނުއްވުމަށްފަހު ވަނީ، މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރު ބިނާކޮށްފައިވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށް ވާއިރު، ކޮންމެ ކަމެއް އަލަށް ފަށައިގަންނައިރު، ވަރަށް އުސް އޮޅިތަކެއް ގިރާކުރަންޖެހޭނެކަމަށް ޤަބޫލުކުރަންވާކަމަށް ވިދާޅުވެފައެވެ. ފިރިހެނުން ގިނަ ތަނަކަށް އައިސް، އަންހެނަކަށް ވީތީ، ތިމަންނާއަށް މިވެނި އެވެނި ކަމެއް ނުކުރެވޭނޭ ބުނުމުގެ ބަދަލުގައި، ކެރިގެން ނުކުމެ، ހަމަ ކޮންމެ ކަމެއްވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫޙު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، އަންހެން ސިފައިން އާދަޔާޚިލާފު ކުރިއެރުންތަކެއް ޙާސިލްކުރައްވާފައިވާކަން ފާހަގަކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

"މިއަދު، އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި، ލަފާދޭ މަޖިލީހުގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން ތިއްބަވާއިރު، އެ ދެއޮފިސަރުންނަކީވެސް އަންހެން ބޭފުޅުންނެވެ. މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެއެވެ. މިހިނދުވެސް، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި، ފުރަތަމަ ފަހަރަށް، ދިވެހި އަންހެން އޮފިސަރ ކެޑޭޓަކު ގެންދަވަނީ ކޮމިޝަނިންގ ކޯހެއް ފުރިހަމަކުރައްވަމުންނެވެ."ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާގައި ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަށް ލާފައިދޭ އެއްޗެއް ނޫންކަމަށާއި، އެއީ، ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރުން ޙާސިލްކޮށް، ދަމަހައްޓާ މުހިންމު، ބުރަ މަސްޢޫލިއްޔަތެއްކަމަށެވެ.

"ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ތިމާޔަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ތިމާ ކުރިއަރާނީ ތިމާ އަމިއްލައަށް ކުރާ ބުރަ މަސައްކަތުންނާއި ދައްކާ ހުނަރުންކަމެވެ. ތިމާގެ ވަށައިގެން ބަޔަކު އެހީވެދޭން ތިއްބަސް، ކާމިޔާބީގެ ހަރުގަނޑުން އަރާ މައްޗަށް ދެވޭނީ ޚުދު ތިމާގެ އަތްފަޔަށް ލާ ހިތްވަރަކުންނެވެ. ކައިރީގައި ތިބި މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު މިންވަރަކީ ހަރުގަނޑުގައި ހިފަހައްޓައިދިނުމެވެ. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައޭ ބުނާ އުޞޫލުންނެވެ."ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ސިފައިންގެ އިސް ސަފުގެ އެންމެ މަތީ ރޭންކުތަކަށް އަންހެން ސިފައިން މިސަރުކާރުން ވަނީ އައްޔަންކުރައްވާފައެވެ. އަދި ސިފައިންގެ ލަފާދޭ ބޯޑަށްވެސް އަންހެން ސިފައިންވަނީ އައްޔަންކޮށްފައެވެ.