ކުޅިވަރު

ޔުނައިޓެޑުން ސިޓީ ބަލިކޮށް ތާވަލްގެ ދެވަނައަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް ޕޮއިންޓް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ޔުނައިޓެޑުން ފެށީ ވަރަށް ފޯރިއާއެކުއެވެ. މިގޮތުން މެޗް ފެށުމާއެކު ޔުނައިޓެޑުން ހަމަލާއަށް އިސްކަން ދީގެން ކުޅުނުތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށްވީ ފަހަކަށް އައިސް މޮޅުކުޅުމެއް ދައްކަމުންދާ ސިޓީގެ ޑިފެންސްގައި މިސްޓޭކް ހެދި މެޗްގެ ދެވަނަ މިނެޓްގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުމެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެންތަނީ މާޝިއަލްއަށް ސިޓީގެ ގެބްލިއަލް ޖޭސުސް ފައުލް ކުރުމުގެ ސަބަބުން ލިބުނު މިޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. މިމެޗްގައި ފުރަތަމަ ފަނަރަ ވަރަކަށް މިނެޓް ސިޓީއަށް އެއްވެސް ވަރަކަށް ހަމަޖެހިލާނެ ވަގުތު ޔުނައިޓެޑުން ދީފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން ސިޓީއިން އެޓީމްގެ ކުޅުން ރަނގަޅު ކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ޔުނައިޓެޑުންވަނީ މިމެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑްވެސް ކޮށްފައެވެ. މިމެޗްގައި ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި އެޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ލޫކް ޝޯއެވެ. މިލަނޑު ޖެހުމުގެ ކުރިން ސިޓީގެ ރޮޑްރީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މިމެޗްގައި ސިޓީއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އޭގެތެރެއިން ގިނަ ހަމަލާ ގޯލަށް އަމާޒު ކުރެވޭގޮތެއް ނުވިއެެވެ. އަދި ޔުނައިޓެޑުންވެސް ދިޔައީ ޑިފެންޑް ކުރަމުން ލިބޭ ފުރުސަތު ތަކުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ ރަށުން ބޭރުގައި ޖެހިޖެހިގެން 22 މެޗުން މޮޅުވެފައެވެ. ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް އަދިވެސް ސިޓީއާއި ދެމެދު 11 ޕޮއިންޓްގެ ފަރަގު އެބަހުއްޓެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލޭ ގުނަރ ސޯލްޝާ ހާމަކުރިގޮތުގައި ލީގު ކާމިޔާބު ކުރުމާމެދު މިހާރު ނުވިސްނާ ކަމަށާއި ސިޓީ އުޅެނީ އަތުލެވޭވަރަށްވުރެ މާކުރީގާ ކަމަށެވެ. އަދި މިމެޗްގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. އަދި ސޯލްޝާވަނީ ޝޯ އަށާއި މާޝިއަލް ދެއްކި މޮޅު ކުޅުމަށް ތައުރީފް ކޮށްފައެވެ.

މިމެޗުން ބަލިވުމުން ސިޓީއަށް މިވަނީ އެޓީމް ޖެހިޖެހިގެން މެޗްތަކުން މޮޅުވަމުން އައި ރިކޯޑް ނިމުމަކަށް އައިސްފައެވެ. ސިޓީ މިހާރު އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު އެއްވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ޔުނައިޓެޑަށް މަރްހަބާ ކިޔާފައެވެ. އަދި މިމެޗުގައި އޭނާގެ ޓީމްގެ ފޯވަޑުންނަށް ރަނގަޅަށް ނުކުޅެވުން ކަމަށާއި އެެހެން ކަމުން މިމެޗުން އޭނާގެ ޓީމް ބަލިވުން ހައްގުކަމަށް ބުނެވިދާނެކަމަށެވެ. ގާޑިއޯލާ ހާމަކުރިގޮތުގައި ލީގުގައި ބާކީ ދެން އޮތީ 10 މެޗް ކަމަށާއި އޭނާ ދެން މަސައްކަތް ކުރާނީ މިމެޗްތަކުގެ ތެރެއިން ވީހާވެސް ގިނަ މެޗް ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ.