ކުޅިވަރު

އެޓްލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރިމެޗް އެއްވަރު


ސްޕެނިޝް ލަލީގާގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޕޮއިންޓް ތާވަލްގެ އެއްވަނައިގާ މިހާރު އުޅޭ އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ މިސީޒަންގައި ބާސެލޯނާއިން އެޓްލެޓިކޯއަށް ބަދަލުވި ލުއިސް ސުވަރޭޒްއެވެ. މިމެޗްގައި ރެއާލްއިން އެއްވަރު ކުރި ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ ކަރިމް ބެންޒީމާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ދެޓީމްގެ ކީޕަރުންވެސް މިމެޗްގައި މޮޅު ކުޅުމެއް ދެއްކުމެވެ. މިގޮތުން އެޓްލެޓިކޯގެ ސުވަރޭޒްއާއި ޔަނިކް ކަރެސްކޯ ފޮނުވާލި ހަމަލާތައްވަނީ ރެއާލްގެ ކީޕަރ ޓިބައު ކޯޓުއާ ހުޝިޔާރު ކަމާއެކު ދިފާއުކޮށްފައެވ. އަދި ބެންޒީމާ ފޮނުވާލި ގިނަ ހަމަލާތަކެއް އެޓްލެޓިކޯގެ ކީޕަރު ޔާން އޮބްލެކްވެސް ވަނީ ދިފާއުކޮށްފައެވެ.

މިމެޗް އެއްވަރު ވުމުން އެޓްލެޓިކޯއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވާ ލީޑު ފުޅާކުރުމަށް ލިބިފައިވި ފުރުސަތުމިވަނީ ގެއްލިގެން ގޮސްފައެވެ. މިގޮތުން އެޓްލެޓިކޯ މިވަގުތު އުޅެނީ ކުޅުނު 25 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ޕޮއިންޓް ތާވަލްގައި އެޓްލެޓިކޯއަށް ލިބިފައިވާ ލީޑު މިހާރު އުޅެނީ 3 ޕޮއިންޓްގައެވެ. ރެއާލް އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.