ކުޅިވަރު

އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަވަނަ މެޗުން ލިވަޕޫލް ބަލިވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލާއި ފުލަމް ބައްދަލުކުރިމެޗް ފުލަމް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް ފުލަމް ކާމިޔާބުކުރީ އެއް ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ލިވަޕޫލުން އުފެއްދި ނަމަވެސް ފުލަމްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފް ނިމެނިކޮށް ޖަހައިދިނީ ފުލަމްގެ މާރިއޯ ލެމީނާއެވެ. މިމެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިވަޕޫލަށް ލިބިގެންދިޔަ ނަމަވެސް އޭގެތެރެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އަދި ފުލަމްއިންވަނީ މިމެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައެވެ.

މިކާމިޔާބީއާއެކު ޕްރިމިއަރ ލީގުގައި ދެމިއޮތުމަށް ފުލަމްއިން ކުރަމުންދާ މަސައްކަތަށް މިވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައެވެ. މިގޮތުން ފުލަމް މިހާރު އުޅެނީ 28 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. 17 ވަނައިގާ މިވަގުތު އޮތް ބްރައިޓަން އެންޑް ހޯވް އެލްބިއަންއަށްވެސް ލިބިފައިވަނީ 26 ޕޮއިންޓެވެ. އަދި 16 ވަނައިގާ އުޅޭ ނިއުކާސްލްއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. ސީޒަންގައި ބާކީ 10 މެޗް އޮތުމާއެކު ފުލަމްއަށް މިހާރު ލީގުގައި ދެމިއޮތުމަށް މަސައްކަތް ކުރުމަށް އޮތް ފުރުސަތު މިވަނީ އިތުރު ވެގެން ގޮސްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ފުލަމްގެ ކޯޗް ސްކޮޓް ޕަރކަރ ހާމަކުރިގޮތުގައި މިމެޗްގެ ފުރަތަމަ ހާފްގައި އޭނާގެ ޓީމަށް ވަރަށް ރަނގަޅަށް ކުޅެވުނު ކަމަށާއި މި ނަތީޖާ އޭނާގެ ޓީމަށް ހައްގު ކަމަށެވެ.

މިމެޗުން ބަލިވުމުން ލިވަޕޫލް މިވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ހަވަނަ މެޗުން ބަލިވެފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި އޭނާގެ ޓީމަށް މިމެޗްގައި މަދުވީ ލަނޑެއް ކަމަށެވެ. އަދި ފުލަމްގެ ފަރާތުން އުނދަގޫ ތަކާއި ކުރިމަތިވާނެކަން ކުރިންވެސް އެނގޭ ކަމަށާއި އޭނާގެ ޓީމަށް މިމެޗްގައި ލަނޑު ޖަހަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ނުހިފުނީ ކަމަށެވެ. މިމެޗުން ބަލިވުމުން ލިވަޕޫލް މިހާރުވަނީ ކުޅުނު 28 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ވެއްޓިފައެވެ.