ކުޅިވަރު

14 މަސްދުހަށް ފަހު ފެޑެރާ އެނބުރި ކުޅުމުގެ ތެރެއަށް


ކުޅުމާއި ދުރުގައި ގިނަ މަސްތަކެއް ވަންދެން ހޭދަކުރިނަމަވެސް ރިޓަޔަރ ކުރަން ނުވިސްނަން ކަމަށް ކުރީގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑެރަރ ހާމަކޮށްފިއެވެ. ފެޑެރަރ މިކަން ހާމަކޮށްފައިމިވަނީ 14 މަސްވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެބުރި އައިސް ކުޅޭ ފުރަތަމަ މުބާރާތުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ގްރޭން ސްލޭމް މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައިވާ އަދި ފަހަކަށް އައިސް އުފެދުނު އެންމެ މޮޅު އެއް ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ފެޑެރަރވަނީ މިހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރު އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމަށް ނިންމާފައެވެ. ފެޑެރަރ ހާމަކުރިގޮތުގައި އޭނާގެ ކުޅުމުގެ ތެރެއަށް މިއަންނަނީ އޭނާގެ ޓެނިސް ކެރިއަރ އަދި ނުނިމޭ ކަމުގެ އިހްސާސް އޭނާއަށް ކުރެވޭތީއެވެ. މިއީ މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ސެމީފައިނަލްގައި ނޯވަކް ޖޯކޮވިޗްއަތުން ބަލިވިފަހުން ކުޅުމުގެ ތެރެއަށް އެބުރި އައިސް ފެޑެރަރ ކުޅޭ ފުރަތަމަ މުބާރާތެވެ. އޭނާ ހާމަކުރިގޮތުގައި އުމުރުން 40 އަހަރުގައި އެބުރި ކުޅުމުގެ ތެރެއަށް އައުމަކީ ވަރަށް މަދުން ނޫނީ ފެންނަ ކަމެއް ނޫން ކަމަށާއި ނަމަވެސް އެނާ މިހާރުވަނީ އަނިޔާއިން އެއްކޮށް ރަނގަޅުވެފައިކަމަށެވެ.

މިފަހަރުގެ ގަތަރު އޯޕަންގައި ފެޑެރަރ ވަނީ އޮޓަމެޓިކުން ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ދެވަނަ ބުރުގައި ފެޑެރަރ ކުޅޭ ފުރަތަމަ މެޗްގައި ވާދަކުރާނީ އިނގިރޭސިވިލާތުގެ ޑެން އިވާންސް އާއި ފަރަންސޭސިލާތުގެ ޖެރެމީ ޗާޑީ ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިޔަކާއެވެ. ފެޑެރަރ ހާމަކުރިގޮތުގައި އޭނާގެ މެޗް ފިޓްނަސް އަދި މުޅިން ފުރިހަމަ ނުވާ ކަމަށާއި ނަމަވެސް އަމާޒަކީ ވިންބަލްޑަން އޯޕަން ޓޭނިސް މުބާރާތް އަންނަން ވާއިރަށް ސައްތައިން ސައްތަ ފިޓްވުން ކަމަށެވެ.