ކުޅިވަރު

ބަރންލީ އާއި އާސެނަލް މެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި ބަރންލީ އާއި އާސެނަލް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް އެއްވަރުވީ އެއް ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ އާސެނަލްއެވެ. ނަމަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ބާރންލީގެ ގިނައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާދިނީ އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އައުބެމެޔާންގއެވެ. ނަމަވެސް އަސެނަލްގެ މެދުތެރެއަށް ކުޅޭ ގްރަނިޓް ޜަކާއަށް ފަހަތުގައި ހެދުނު ގޯހެއްގެ ސަބަބުން މެޗްގެ 39 ވަނަ މިނެޓްގައި ބަރންލީއިން މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑަކީ ޜަކާ އެޓީމްގެ ޑޭވިޑް ލުއިޒްއަށް ދޭން ޖެހި ބޯޅައެއް ބަރންލީގެ ފޯވަޑް ކްރިސް ވުޑް ގައިގާ ޖެހިފާ އާސެނަލްގެ ގޯލަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ. މިމެޗްގައި ބަރންލީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް ވައްނަން ދިޔަ ބޯޅައެއްގައި ގަސްދުގައި އަތްލާ ބޯޅަ މަތަކުރިކަމަށް ބަލާ ބަރންލީގެ އެރިކް ޕީޓަރސްއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާ އަދި އާސެނަލްއަށް ޕެނަލްޓީއެއް ރެފްރީ ދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެނިންމުންވަނީ ބަދަލުކޮށްފައެވެ. މިގޮތުން ބޯޅަ ޖެހުނީ ޕީޓަރސްގެ އަތަށްވުރެ މަތިން ކޮޑުގައި ކަމަށް ވީޑިއޯއިން ފެނެއެވެ. މިމެޗްގައި މިހާދިސާގެ ކުރިންވެސް ޕީޓަރސްގެ އަތުގައި ބޯޅަ ޖެހެއެވެ. އެފަހަރު ރެފްރީގެ ލޮލުގައި އެކަން އަޅައިނުގަތްއިރު ވީއޭއާރުންވަނީ އެއީ ރެފްރީގެ ސަމާލުކަމަށް ގެއްނަންޖެހޭވަރުގެ ކަމަކަށް ނުބަލައެވެ. އަދި މެޗް ނިމެން ދިޔަވަގުތު އާސެނަލްއިން ގިނަ ހަމަލާތަކެއް ބަރންލީގެ ގޯލަށް ފޮނުވާލި ނަމަވެސް އެޓީމުންވަނީ ވަރަށް ރަނގަޅަށް ޑިފެންޑުކޮށް އާސެނަލްއަށް މިމެޗުން މޮޅުވުމުގެ ފުރުސަތު ގެއްލުވާލާފައެވެ.
މިމެޗް އެއްވަރުވުމުން އާސެނަލް މިހާރު އުޅެނީ ކުޅުނު 27 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ ބުނީ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފާ، އިދިކޮޅު ޓީމަށް ލަނޑު ހަދިޔާކޮށް މެޗްގެ ނިންމުންތައް ރެފްރީގެ ފަރާތުން ޓީމަށް ބޭނުންވާ ވަގުތު ނުލިބޭނަމަ ޕްރިމިއަރ ލީގުގައި ގިނަ މެޗްތަކެއް ކާމިޔާބު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. މިމެޗަކީ އޭނާގެ ޓީމް ދެތިން ލަނޑުގެ ތަފާތުން މޮޅުވާން ޖެހޭ މެޗެއް ކަމަށްވެސް އަޓެޓާ ބުންޏެވެ. އަދި ޕީޓަރސް އަތުގައި ފުރަތަމަ ބޯޅަ ޖެހުނު ހާދިސާ އެއީ ޕެނަލްޓީއަކަށް ނުވާނަމަ ކޮންމެވެސް މީހަކު އެޓީމްގެ ޓްރެއިނިންގ ދަނޑަށް ގޮސް ހޭންޑް ބޯލް އަކީ މިހާރު ކޮބައިކަން ކިޔައިދޭން ޖެހޭކަމަށް އާޓެޓާ ބުންޏެވެ.

މިމެޗް އެއްވަރުވުމުން ބަރންލީ މިހާރު އުޅެނީ ކުޅުނު 28 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. އަދި މިމެޗުން ލިބުނު ޕޮއިންޓާއެކު ރެލިގޭޝަނާއި އިިތުރަށް ދުރައް ޖެހިލާފައެވެ.