ޚަބަރު

ކޯވިޑް-19ގެ އަސްލު ހޯދުމަށް ޗައިނާއަށް ދަތުރުކުރި ވަފުދުގެ ހޯދުންތައް އާންމުކުރަނީ


ކޯވިޑް-19ގެ އަސްލު ހޯދުމަށް ޗައިނާގެ ވޫހާން ސިޓީއަށް ދަތުރުކުރި ވަފުދުގެ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ތަހުޤީޤީ ރިޕޯޓު މާރިޗު މަހުގެ މެދު ތެރޭގައި އާންމުކުރާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން ބުނެފިއެވެ.

ޑަބުލިޔުއެޗުއޯއިން އިސްވެ އެކުލަވާލާފައިވާ މާހިރުންގެ ވަފުދެއް ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއަށް ދަތުރުކުރީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.ހަތަރު ހަތުފާއަށް ދެމިގެންދިޔަ ދަތުރު ނިންމާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ސައިންސުވެރިންގެ ވަފުދުގައި ހިމެނޭ މާހިރުން ބުނީ އިންސާނުންނާ ހަމައަށް ކޯވިޑް-19 ފޯރާފައިވަނީ ވާލުގެ ޒަރިއްޔާއިން އެހެން ޖަނަވާރަކަށް ބަލި ޖެހުމަށްފަހުކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ކޯވިޑް-19ގެ އަސްލު މަސްދަރު ޔަޤީންކުރުމަށް ޑަބުލިޔުއެޗުއޯގެ ވަފުދުން ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ. ބަލި ފެތުރެން ފެށުނީ ވޫހާން ސިޓީގައި ހުރި ލެބަކުންކަމަށް ބުނާ ބުނުމުގައި އެއްވެސް ހަޤީޤަތެއް ނުވާކަމަށް އެ ވަފުދުން ބުނެފައިވީނަމަވެސް ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސްވަނީ ބަލި ފެތުރުނުކަމަށް ބެލެވޭ ހުރިހާ މަގެއް އަދިވެސް ތަހުޤީޤު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ޑަބުލިޔުއެޗުއޯގެ ވަފުދުގެ ރިޕޯޓު އާންމުކުރުމުގެ ކުރިން އެ ވަފުދުގެ ހޯދުންތަކުގެ ޚުލާސާ ރިޕޯޓެއް ނެރުމަށް ކުރިން އޮތީ ނިންމައިފައެވެ. ނަމަވެސް ފަހުން ޑަބުލިޔުއެޗުއޯއިން ބުނީ ފުރިހަމަ ރިޕޯޓާއި ޚުލާސާ ރިޕޯޓު ނެރޭނީ އެކުގައިކަމަށެވެ. ގެބްރިއޭސުސް ވިދާޅުވީ ވަފުދުގެ ރިޕޯޓު އާންމު ކުރުމުގެ ކުރިން ޑަބުލިޔުއެޗުއޯގެ މެންބަރު ޤައުމުތަކާ އެ ރިޕޯޓު ޙިއްޞާކުރާނެކަމަށެވެ.

ޑަބުލިޔުއެޗުއޯގެ މާހިރުންގެ ވަފުދުން ޗައިނާއަށް ކުރި ދަތުރުގައި ކޮށްފައިވާ މަސައްކަތްތަކާމެދު އެމެރިކާއިންވަނީ ސުވާލު އުފައްދާފައެވެ. ޗައިނާގެ ސަރުކާރުން ޑަބުލިޔުއެޗުއޯގެ ވަފުދަށް ފުރިހަމަ ތަހުޤީޤެއް ކުރުމުގެ ފުރުޞަތު ދީފައި ނުވާކަމަށް ބައެއް ޤައުމުތަކުންވަނީ ބުނެފައެވެ.