ޚަބަރު

ހޮންގް ކޮންގުގެ މައްސަލައިގައި ކުރިމަތިވާ ބޭރުގެ ނުފޫޒުތަކަށް ސަމާލުވާނަން: ޗައިނާ


ހޮންގް ކޮންގުގެ މައްސަލައިގައި ބޭރުގެ ޤައުމުތަކުން ނުފޫޒު ފޯރުވިޔަ ނުދޭނެކަމަށް ޗައިނާއިން ބުނެފިއެވެ.

ހޮންގް ކޮންގުގައި ސަލާމަތާ ބެހޭ ޤާނޫނު ޗައިނާއިން ތަންފީޒުކޮށްފައިވަނީ އެ ޤައުމުގައި ދިމިޤުރާޠީ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލައި ކުރި މުޒާހަރާތަކުގައި ނުރައްކާތެރި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވަނިކޮށެވެ. ދިމިޤުރާޠީ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލައި ހޮންގް ކޮންގުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ޗައިނާއިން އަބަދުވެސް ދެކޮޅުހަދައެވެ. އެ މައްސަލައިގައި ހުޅަނގުގެ ގިނަ ޤައުމުތަކުގެ ފާޑުކިޔުންވަނީ ޗައިނާއަށް އަމާޒުވެފައެވެ. އަދި އެމެރިކާއިންވަނީ އެ މައްސަލައާ ގުޅިގެން ޗައިނާގެ ޤާނޫނުހަދާ މަޖިލީހުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅައިފައެވެ.

ޗައިނާގެ ޤަނޫނުހަދާ މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާގެ ޕުރެމިއަރ ލީ ކީޗަންގް ވިދާޅުވީ ޗައިނާގެ ޤައުމީ ސަލާމަތާ ގުޅޭ ކަންކަން ދިފާޢުކުރުމަށް ޤާނޫނުތައް ތަންފީޒުކުރޭތޯ ޔަޤީން ކުރައްވާނެކަމަށެވެ. ހޮންގް ކޮންގުގެ ޤާނޫނު އަސާސީ ތަންފީޒުކުމާ ގުޅުން ހުރި ހުރިހާ ނިޒާމުތަކެއް އިތުރަށް ތަރައްޤީ ކުރައްވާނެކަމަށްވެސް ލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހޮންގް ކޮންގުގެ އިންތިޚާބީ ނިޒާމު އިތުރަށް އިސްލާޙު ކުރުމާމެދު ޗައިނާގެ ޤާނޫނުހަދާ މަޖިލީހުން މި ދަޢުރުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށެވެ.

ހޮންގް ކޮންގުގެ އިންތިޚާބީ ނިޒާމަށް ބަދަލު ގެނައުމަށް ޗައިނާއިން ނިންމައިފިނަމަ ހޮންގް ކޮންގުގެ ހިންގުމާ ޙަވާލުވުމުގެ ފުރުޞަތު ލިބޭނީ ހަމައެކަނި ޗައިނާއަށް ވަފާތެރި ފަރާތަކަށްކަމަށް ބެލެވެއެވެ. ޗައިނާއާ އެއްކޮޅު ފަރާތްތަކުން މީގެ ކުރިންވަނީ ހޮންގް ކޮންގުގެ މައްސަލައިގައި އެމެރިކާގެ ވާގިވެރިކަން ހޯދާ އިދިކޮޅު ފަރާތްތަކަކީ ޤައުމު ދެކެ ލޯބިނުވާ މީހުންގެ ގޮތުގައި ސިފަކޮށްފައެވެ.