މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މާލޭގެ ދަފްތަރުގައި ޖައްސާފައިވަނީ 2018ވަނަ އަހަރުކަމަށް މާލޭ ސިޓީން ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދަޅުވެއްޖެއެވެ. މީގެތެރޭގައި އަތޮޅުތަކުގެ ރަށްރަށުގެ ދަފްތަރުގައި ތިބި މީހުންވެސް ތިބިކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަފައެވެ.
މާލޭގެ ބޯހިޔާވަހިކަމާއި، ހުޅުމާލޭގެ ހިޔާ މަޝްރޫޢުއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ، 2018 ވަނަ އަހަރު މާލޭ ދަފްތަރަށް ކުއްލިއަކަށް އެތައް ބަޔަކު އިތުރުކުރެވިފައިވާކަމަށެވެ. އެގޮތުން އެ އަހަރު އެކަނިވެސް 2000 ވުރެ ގިނަ މީހުން ދަފްތަރުގައި ރަޖިސްޓްރީކުރިއިރު އޭގެ ތެރޭގައި މާލޭގައި ނުޅޭ މީހުންވެސް ހިމެނޭކަމަށް ސިފާ ވިދާޅުވިއެވެ.
މާލޭގެ ދަފްތަރުގައި ޖެއްސުމުގެ ޤަވާއިދުގައި ބުނާގޮތުން އެ ދަފްތަރުގައި ރަޖިސްޓްރީ ކުރާނީ މާލޭގައި މަދުވެގެން ފަސް އަހަރު އުޅުނުކަން ޔަޤީންކޮށްދޭ ލިޔެކިއުމެއް ހުށައެޅުމުންނެވެ. އެހެންނަމަވެސް އޭރު ދަފްތަރުގައި ރަޖިސްޓްރީކުރި ގިނަ މީހުންގެ އަތުގައި މާލޭގައި އުޅުނުކަން ސާބިތުކޮށްދޭނެ ލިޔުމެއްވެސް ނެތްކަން މޭޔަރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައެއް މީހުން އެމީހެއްގެ ރަށުގެ ރަޖިސްޓްރީން އުނިނުކޮށް މާލޭ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާކަން ސިފާ ފާހަގަކުރެއްވިއެވެ.
މާލޭ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރުމަކީ ސިޓީ ކައުންސިލުން ކުރަމުން އައި މަސައްކަތެއް ނަމަވެސް މާލޭ ދަފްތަރުގައި 2018 ވަނަ އަހަރު ގިނަ ބަޔަކު ރަޖިސްޓްރީކޮށްފައިވަނީ ސިޓީ ކައުންސިލުން އެބާރުތައް ނަގާ ހައުސިން މިނިސްޓްރީނ އެކަންކަން ބަލަހައްޓަމުން އައި ދުވަސްވަރުއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ދިނުމަށް މާލޭގެ ދަފްތަރަށް ޚާއްޞަ ކެޓަގަރީއެއް އޮތުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މާލޭގެ ދަފްތަރުގައި ވަނި ރަޖިސްޓްރީކޮށްފައެވެ. އަދި މާލޭ ދަފްތަރު ކެޓަގަރީން މާލޭގައި ދިރި ނޫޅޭ މީހުންނަށްވެސް ފްލެޓް ލިބުނުކަމުގެ ޝަކުވާތައްވެސް ފެންމަތިވިއެެވެ. މާލެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ކެޓެގަރީ، H-9 ކެޓަގަރީއެވެ. ހިޔާ ފްލެޓަށް އެދި މާލެ ދަފްތަރު ކެޓަގަރީއަށް 2800 މީހުން ފޯމް ހުށައަޅިއެވެ. މި ކެޓަގަރީއިން 1044 ފްލެޓް ދޫކުރުމަށްވަނީ ކަނޑައަޅާފައެވެ. ފެލެޓަށް އެދި މި ކެޓަގަރީއިން 2800 މީހުން ފޯމް ހުށައެޅިއިރު 2775 މީހުން ޝަރުތު ހަމަވެއެވެ.
ފްލެޓް ކޮމިޓީންވެސް ބުނެފައިވަނީ ފްލެޓް ދިން މީހުންގެ ތެރޭގައި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހެއްކަން އެނގެން ނެތުމާއި، ދަފުތަރުގެ ވަގުތީ ލިޔުން ހަވާލުކުރެވިފައިވާ ފަރާތެއްކަން އެނގެން ނެތް މީހުންނަށްވެސް ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ބުނެ ލިޔުން ހަވާލުކޮށްފައިވާކަަމަށެވެ.