ދުނިޔެ

ނެދަލޭންޑްސްގެ ތަހުލީލީ މަރުކަޒެއްގައި ގޮވުމެއް، ބެލެވޭގޮތުގައި ޙަމަލާއެއް


ނެދަލޭންޑްސްގެ ކޯވިޑަށް ތަހުލީލުކުރާ މަރުކަޒެއްގައި ގޮވުމުގެ ހާދިޘާއެއް ހިންގައިފިއެވެ. އެމްސްޓާޑަމްގައި ހުންނަ ތަހުލީލުކުރާ މަރުކަޒުގައި އެ ހާދިޘާ ހިންގާފައިވަނީ ފަތިހުގެ ވަގުތެއްގައެވެ. އެ ހާދިޘާގައި އިމާރާތުގެ ކުޑަދޮރުތަކާއި ބިއްލޫރިތައް ތެޅިފައިވާ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ނެދަލޭންޑްސްގެ ފުލުހުން ޝައްކުކުރާ ގޮތުގައި ތަހުލީލު މަރުކަޒުގައި ހިންގި ހާދިޘާއަކީ ބަޔަކު ގަސްތުގައި ދީފައިވާ ޙަމަލާއެކެވެ. އެ ހާދިޘާ ތަހުގީގުކުރަމުންދާ ގޮވާ ތަކެއްޗާބެހޭ މާހިރުންގެ ވަފުދަކުންވަނީ ގޮވުމުގެ އަސްލުކަމުގައި ބެލެވޭ ދަގަނޑު ފުޅިއެއް އެ ސަރަޙައްދުން ހޯދާފައެވެ. ފުލުހުންގެ އިދާރާއިން ބުނީ އެ ފުޅިއަކީ ބަޔަކު ގަސްތުގައި އެތަނުގައި ބާއްވާފައިވާ އެއްޗެއްކަމަށް ޤަބޫލުކުރެވޭކަމަށެވެ.

ތަހުލީލު މަރުކަޒުގައި ހިންގި ގޮވުމުގެ ހާދިޘާގެ ފަހަތުގައިވާ ވާ ބައެއް ހޯދާ ވީ އެންމެ އަވަހަކަށް ހައްޔަރުކުރުމަށް ނެދަލޭންޑްސްގެ އާންމު ޞިއްޙަތާބެހޭ އިދާރާގެ އިސްވެރިޔާވަނީ ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ ކޯވިޑްގެ ނުރައްކަލުން ޢާންމުން ރައްކާތެރިކުރުމަށް އެ އިދާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ބަޔަކު ކޮށްފައިވާ އެފަދަ ފިނޑި ޢަމަލެއްގެ އަސަރު އެ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ އިތުރުން ޢާންމުންނަށްވެސް ކުރާނެކަމަށެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ނެދަލޭންޑްސްގެ އެހެން އަވަށެއްގައި ހުރި ކޯވިޑަށް ތަހުލީލުކުރާ މަޒުކަޒެއްގައިވަނީ ހުޅުޖަހާފައެވެ. އެ ހާދިޘާ ހިނގާފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު ހިންގުމުން އެކަމާ ނުރުހި ކުރި މުޒާހަރާތަކެއްގެ ތެރެއިންނެވެ.