ޚަބަރު

މެއި މަހުގެ ނިޔަލަށް 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ލިބޭނެ: ބައިޑަން


އަންނަ މެއި މަސް ނިމުމުގެ ކުރިން އެމެރިކާގެ 18 އަހަރުން މަތީގެ އެންމެންނަށް ފުދޭ ވަރަށް ކޯވިޑް-19ގެ ވެކްސިން ލިބޭނެކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ވެކްސިން މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ބައިޑަން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމުން އެނގިވަޑައިގެންނެވި އެއްކަމަކީ ޖޮންސަން އެންޑް ޖޮންސަން ކުންފުނިން އަވަސް ދުވެއްޔެއްގައި ކޯވިޑް-19ގެ ވެކްސިނެއް ތައްޔާރުކޮށް ބާޒާރަށް ނެރުމުގައި ދަތިތަކަކާ ކުރިމަތިލަމުންދާކަންކަމަށެވެ. އެހެންކަމުން އެމަނުކުފާނުގެ ސަރުކާރުން އެކަމުގައި އެހީތެރިވެދެވިދާނެ ގޮތްތައް ބަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ބައިޑަން ވިދާޅުވީ ޖޮންސަން އެންޑް ޖޮންސަންގެ ވާދަވެރިއެއްކަމަށްވާ މާރކް އެންޑް ކޯގެ ދެ ކާރުޚާނާއަކަށް ވެކްސިން އުފެއްދުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް އެމެރިކާގެ ސަރުކާރުން ނިންމާފައިވާކަމަށެވެ. އޭގެ އިތުރުން ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން މިހާރު ތައްޔާރުކުރަމުންދާ ކާރުޚާނާތަކުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ހަފުތާއަކު ހަތް ދުވަހުގެ 24 ގަޑިއިރު ކުރިއަށްގެންދެވޭނެ މަގު ހަމަޖެހިފައިވާކަމަށް ބައިޑަން ވިދާޅުވިއެވެ. އެއާއިއެކު ވެކްސިން އުފައްދާ މިންވަރާއި ދުވެލި ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

އެމެރިކާގައި މިހާރު ބޭނުންކުރަމުންދާ ދެ ޑޯޒް ހިމެނޭ ފައިޒާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނާ ޚިލާފަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިންގައި ހިމެނެނީ އެންމެ ޑޯޒެކެވެ. އެހެންކަމުން ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން ބޭނުންކުރާ މިންވަރު އިތުރުކުރުމުން މިހާރު ދެމުންދާ ދެ ޑޯޒްއާ އެއްވަރަށް ވެކްސިން ދީފިނަމަ ވެކްސިން ދޭ މީހުންގެ ޖުމްލަ ޢަދަދު ދެގުނައަށް އިތުރުވާނެއެވެ.

އެމެރިކާގެ ސަރުކާރާއި ޖޮންސަން އެންޑް ޖޮންސަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިންގެ 12 މިލިއަން ޑޯޒް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ސަރުކާރާ ޙަވާލުކުރަން ޖެހެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ޖޮންސަން އެންޑް ޖޮންސަނަށް ތައްޔާރުކުރެވުނީ ވެކްސިންގެ ހަތަރު މިލިއަން ޑޯޒަށްވުރެ މަދު ޢަދަދެކެވެ. މި މަސް ނިމުމުގެ ކުރިން ވެކްސިންގެ 16 މިލިއަން ޑޯޒް ފޯރުކޮށްދިނުމަށް އެ ކުންފުނިން އުންމީދުކުރެއެވެ.