ޚަބަރު

ވެރިކަމުގައި ހުންނަވައި ޓްރަންޕު ކޯވިޑް-19ގެ ވެކްސިން ޖެއްސެވިކަން ހާމަވެއްޖެ


މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕާއި އެމަނިކުފާނުގެ އަނބިކަންބަލުން މެލާނިއާ ޓްރަންޕުވަނީ ކޯވިޑް-19ގެ ވެކްސިން ޖައްސަވާފައިވާކަމަށް އެމަނިކުފާނުގެ މުޝީރަކު ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭރު އެމެރިކާގެ ރައީސްގެ މަޤާމުގައި ހުންނެވި ޓްރަންޕަށްވަނީ ކޯވިޑް-19 ޖެހި ހަސްފަތާލުގައި ފަރުވާ ދީފައެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން އޭރު ބުނީ ޓްރަންޕް ކޯވިޑް-19ގެ ވެކްސިން ޖައްސަވާނީ ބަލީގެ ސަބަބުން ހަށިގަނޑުގައި އުފެދިފައިވާ އިންފެކްޝަނަށް ފަރުވާ ހޯއްދަވާ ނިމުމުންކަމަށެވެ. އޭގެ ފަހުންވެސް ވައިޓު ހައުސުން ޓްރަންޕު ވެކްސިން ޖައްދަވާފައިވާކަން އިޢުލާނުކޮށްފައެއް ނުވެއެވެ.

ޓްރަންޕާއި އޭނާގެ އަނބިކަނބަލުން ކޯވިޑް-19ގެ ވެކްސިން ޖައްސަވާފައިވާކަން ސިއްރުކުރައްވާފައިވަނީ ކީއްވެގެންކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ދެ ބޭފުޅުން ޖައްސަވާފައިވަނީ ކޮން ވެކްސިނެއްކަމެއް އަދި ވެކްސިންގެ ކިހާވަރެއްގެ ޑޯޒެއް ކަމެއްވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ކޯވިޑް-19އަކީ އާދައިގެ ރޯގާއެއްކަމަށް ޤަބޫލުކުރައްވާ ޞިއްޙީ މާހިރުންގެ އިލްތިމާސްތަކަށް ސަމާލުކަން ނުދެއްވުމުގެ ސަބަބުން އޭނާއަށްވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައެވެ. އަދި އޭނާގެ ވެރިކަމުގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާވެފައިވަނީ އެންމެ ބޮޑަށް ބަލިމަޑުކަމުގެ އަސަރުކޮށްފައިވާ ޤައުމަށެވެ.

ޓްރަންޕުގެ ރިޔާސީ ދައުރުގައި ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މައިކު ޕެންސުވަނީ ވެކްސިން ޖައްސަވާ އެކަން އިޢުލާންކުރައްވައިފައެވެ. އޭގެ އިތުރުން މިހާރުގެ ރައީސް ޖޯ ބައިޑަން އަދި ނައިބު ރައީސް ކަމާލާ ހެރިސްވެސްވަނީ ކެމެރާ ކުރިމަތީގައި ވެކްސިން ޖައްސަވާފައެވެ. އެމެރިކާގެ ކުރީގެ ރައީސުންކަމުގައިވާ ބަރަކް އޮބާމާއާއި ޖޯޖު ޑަބްލިއު ބުޝްއާއި ބިލް ކްލިންޓަންވެސްވަނީ އާންމުންގެ މެދުގައި ވެކްސިނާއިމެދު އޮންނަ އިތުބާރު އިތުރުކުރުމަށް ކެމެރާ ކުރިމަތީގައި ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ތިއްބެވިކަމަށް ވިދާޅުވެފައެވެ.