ކުޅިވަރު

މަރސިޑީޒް އިން މިސީޒަންގައި ބޭނުން ކުރާ ކާރު އަންމުކޮށްފި


ފޯމިއުލަރ ވަން ކާރު ރޭހުގެ މިއަހަރުގެ ސީޒަންގައި އެންމެފަހުގެ ޗެމްޕިއަން މަރސިޑީޒްއިން ބޭނުންކުރާ ކާރު އާންމުކޮށް ދައްކައިފިއެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކާރު އާންމު ކުރި ނަމަވެސް މިސީޒަންގައި ބޭނުންކުރާ ކާރަށް ގެނެސްފައިވަނީ ކޮންކަހަލަ ބަދަލުތަކެއް ކަމެއް އެޓީމުން ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެފް ވަންގެ ދުނިޔޭގެ ޗެމްޕިއަން ލުއިސް ހެމިލްޓަން ބުނީ އޭނާ މަރސިޑީޒްއާއެކު މިފަހަރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދި ނަމަވެސް އޭނާ މިހިރީ އެޓީމަށް ކާމިޔާބީ ހޯދައިދިނުމަށް ކެތް މަދުވެފައިކަމަށެވެ. އެފް ވަން ކާރު ރޭސް އެންމެ ގިނައިން ކާމިޔާބުކުރުމުގެ ރިކޯޑާއި މިދިޔަ ސީޒަންގައި އަރާ ހަމަކުރެވުމުން މިސީޒަންގައި އެރިކޯޑް މުގުރާލާ އަށް ވަނަ ފަހަރަށް އެފް ވަން ކާރު ރޭހުގެ ޗެމްޕިއަންކަން ހޯދުމަށް ވަރަށް ބޭނުންވާ ކަމަށެވެ. އަދި މީގެއިތުރުން މި ކުޅިވަރުގެ ތެރެއިން އިތުރު ހަރަކާތްތަށްހިންގުމަށްވެސް މަރސިޑީޒްއާއެކު މިފަހަރު އެއްބަސްވެވިފައިވާނެކަމަށް އޭނާ ހާމަކުރިއެވެ. މިއަހަރުގެ ސީޒަނަށްފަހު އެފް ވަންއިން ހެމިލްޓަން ފެންނާނެތޯ އުފެދޭ ސުވާލަށްވެސް އޭނާ ވަނީ އަލިއަޅުވާލާފައެވެ. މިގޮތުން އޭނާއަށް މިސީޒަންގެ ޗެމްޕިއަންކަން ކާމިޔާބު ކުރެވުނު ނަމަވެސް އެއީ އޭނާ ކުރިއަށް އޮތް ތާނގާ މިކުޅިވަރަށް އަލްވަދާއު ކިޔަން ނިންމާނެ ސަބަބަކަށް ވެގެން ނުދާނެ ކަމަށް އޭނާ ހާމަކުރިއެވެ. އޭނާ މިކަން ކުރަނީ ކުރާހިތުން ކަމަށާއި ހަމައެކަނި ކާމިޔާބީގެ ބޭނުމުގައި މިކަން ކުރަން އުޅޭނަމަ އޭނާއަށް މިހާހިސާބަށް ނާދެވުނީސް ކަމަށެވެ.

މިސީޒަންގައިވެސް ހެމިލްޓަންއާއެކު މަރސިޑީޒްގެ ދެވަނަ ދުއްވުންތެރިއެއްގެގޮތުގައި މަސައްކަތް ކުރާނީ ފިންލަންޑްގެ ވަލްޓޭރީ ބޮޓާސްއެވެ. މިދެ ދުއްވުންތެރިންނަކީ އެއް ޓީމަކަށް ނިސްބަތްވާ ދެ ދުއްވުން ތެރިން ކަމުގައި ވީ ނަމަވެސް ވޭތުވެދިޔަ ދެތިން އަހަރު މިދެ ދުއްވުން ތެރިން ވެފައިވަނީ އެފް ވަންގައި އެންމެ ވާދަވެރި ދެ ދުއްވުންތެރިންނަށެވެ. މިގޮތުން ޗެމްޕިއަންޝިޕަށްވެސް އެންމެ ގާތުން މިދިޔަ ސީޒަންގައިވެސް ވާދަކޮށްފައިވަނީ މިދެ ދުއްވުންތެރިންނެވެ. ބޮޓާސް ޤަބޫލް ކުރާގޮތުގައި އޭނާއަށް މިސީޒަންގައި ހެމިލްޓަން ފަހަތަށް ޖައްސާލާ އެފް ވަންގެ ޗެމްޕިއަންކަން ހޯދިދާނެއެވެ. އަދި މިފަހަރު އެހެން އަހަރު ތަކާހިލާފަށް ބޮޑަށް މަސައްކަތް ކުރަން އަމިއްލައަށް އަޒުމް ކަނޑައަޅާފައިވާ ކަމުގައި އޭނާ ހާމަކުރިއެވެ.