ޚަބަރު

ޔަމަނަށް އެހީތެރިވުމަށް ހުށަހަޅާފައިވާ ފައިސާގެ ޢަދަދާމެދު އދގެ ހިތްހަމަނުޖެހުން


އިންސާނީ ކާރިޘާއަކާ ކުރިމަތިލަމުންދާ ޔަމަނަށް އެހީތެރިވުމަށް އެކި ޤައުމުތަކުން ހުށަހަޅާފައިވާ ފައިސާގެ ޢަދަދާމެދު ހިތްހަމަނުޖެހޭކަމަށް އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވިދާޅުވެއްޖެއެވެ.

ސްވިޓްޒަލެންޑާއި ސުވިޑަންއާ ގުޅިގެން އދންވަނީ ޔަމަނަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ޚާއްޞަ ޙަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތުގައި 100އަށްވުރެ ގިނަ ޤައުމާއި ޖަމުޢިއްޔާތަކުންވަނީ ބައިވެރިވެފައެވެ. އެ ހަރަކާތް މެދުވެރިކޮށް މި އަހަރުގެ ތެރޭގައި ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 3.85 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް އދންވަނީ މަސައްކަތްކޮށްފައެވެ. އެހީ ހޯދުމަށް ބޭއްވި ޙަރަކާތް ފައްޓަވަމުން ގުތޭޚެޝް ވިދާޅުވީ ޔަމަނުގައި ދިރިއުޅުމަކީ ވޭންހުރި ކަމެއްކަމަށާއި ޔަމަނުގެ ދިރިއުޅޭ ކުޑަކުދިންގެ ދިރިއުޅުން ވަކިން އުނދަގޫކަމަށެވެ. ޔަމަނުގެ ކުޑަކުދިން ދަނީ ބަނޑުހައި ހޫނުކަމާއި ކުރިމަތިލަމުންކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޤައުމުތަކުން މި އަހަރު ހުށަހަޅާފައިވާ އެހީގެ ޖުމްލަ ޢަދަދު އދން ހޯދަން އަމާޒުކުރި ޢަދަދުގެ ދެބައި ކުޅަ އެއްބަޔަށްވުރެވެސް މަދެވެ. މި އަހަރުގެ ޙަރަކާތުގައި އެކި ޤައުމުތަކާއި ޖަމުޢިއްޔާތަކުން ހުށަހަޅާފައިވަނީ 1.7 ބިލިއަން އެމެރިކާ ޑޮލަރެވެ. ގުތޭޚެޝް ވިދާޅުވީ އެ ޙަރަކާތަށް ލިބުނު ތަރުހީބު ކުޑަކަމަށާއި ޔަމަނަށް ދެމުންދާ އެހީތެރިކަން ކަނޑައިލުމަކީ އެ ޤައުމުގެ ރައްޔިތުންނަށް އިއްވޭ މަރުގެ ޙުކުމެއްކަމަށެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ސޭވް ދަ ޗިލްޑްރަނުންވަނީ ޔަމަނުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ޤައުމުތަކުން ދޭ ތަރުހީބާއިމެދު ހިތްހަމަނުޖެހުން ފައުޅުކޮށްފައެވެ. އެ ޖަމުޢިއްޔާއިން ބުނީ ޤައުމުތަކުން ޔަމަނަށް ފުރަގަސް ދީފައިވާކަމަށާއި އޭގެ ސަބަބުން އެ ޤައުމުގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަދިވެސް ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.