ޚަބަރު

ކޮވިޝިލްޑު އުފައްދާ އިންޑިޔާގެ ކުންފުނިތަކަށް ޗައިނާގެ ހެކަރުން ޙަމަލާތަކެއް ދީފި


ޗައިނާގެ ހެކަރުންގެ ބަޔަކު އިންޑިޔާގެ ވެކްސިން އުފައްދާ ދެ ކުންފުންޏެއްގެ އައިޓީ ވިއުގަތަކަށް ސައިބަރ ޙަމަލާ ދީފައިވާކަމަށް ސައިބާ އިންޓެލިޖެންސް ކުންފުންޏެއްކަމަށްވާ ސައިފަރމާއިން ބުނެފިއެވެ.

ހަތުރުވެރި އަދި ވާދަވެރި ދެ ޤައުމުކަމަށްވާ ޗައިނާއާއި އިންޑިޔާއިން ދަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް ގިނަ ޢަދަދެއްގެ ވެކްސިން އުފައްދައި އެކި ޤައުމުތަކަށް ފޯރުކޮށްދެމުންނެވެ. ދުނިޔޭގައި އުފައްދާ ވެކްސިންގެ 60 އިންސައްތައަކީ އިންޑިޔާގައި ތައްޔާރުކުރާ ވެކްސިނެވެ.

ސިންގަޕޫރާއި ޖަޕާނުގެ ޓޮކްޔޯގައި މަރުކަޒުވެފައިވާ ސައިފަރމާއިން ބުނީ ފާއިތުވި ދެ ހަފުތާ ދުވަހުގެ ތެރޭގައި ޗައިނާގެ ސަރުކާރުގެ ވާގިވެރިކަން އޮންނަ އެ ޤައުމުގެ ހެކަރުންގެ ބަޔަކު އިންޑިޔާގެ ވެކްސިން އުފައްދާ ދެ ކުންފުންޏަކަށް ސައިބަރ ޙަމަލާތަކެއް ދީފައިވާކަމަށެވެ. އޭޕީޓީ10ގެ ނަމުން ނަންދީފައިވާ ހެކަރުންވަނީ އިންޑިޔާގެ ބަރަތު ބަޔޯޓެކާއި ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުނިކަމަށްވާ ސީރަމް އިންސްޓިޓިއުޓު އޮފް އިންޑިޔާގެ އައިޓީ ވިއުގައިގެ ބަލިކަށިކަން ފާހަގަކޮށްފައިވާކަމަށް ސައިފަރމާއިން ބުންޏެވެ. ނަމަވެސް އިންޑިޔާގެ ކުންފުނިތަކާއި ގުޅޭގޮތުން އޭޕީޓީ10އަށް ލިބުނީ ކޮން މަޢުލޫމާތުތަކެއްކަމެއް ބުނަން ނޭނގޭކަމަށް ސައިފަރމާއިން ބުންޏެވެ.

ސައިފަރމާގެ ޗީފް އެގްޒެކެޓިވް ކުމާރު ރިތޭޝް ވިދާޅުވީ ހެކަރުންގެ މަޤްސަދަކީ އިންޑިޔާގެ ކުންފުނިތަކުގެ ސިއްރު މަޢުލޫމާތުތައް ހޯދައި އެ ކުންފުނިތަކުގެ މައްޗަށް ކުރި ހޯދުންކަމަށެވެ. އެސްޓްރަޒެނެކާގެ ވެކްސިން ގިނަ ޢަދަދަކަށް އުފައްދާ ސީރަމް އިންސްޓިޓިއުޓަށް އަމާޒުކޮށް އޭޕީޓީ10ން ގިނަ ސައިބަރ ޙަމަލާތަކެއް ދެމުންދާކަން ފާހަގަކުރައްވަމުން ރިތޭޝް ވިދާޅުވީ އެ ކުންފުނީގެ ޕަބްލިކް ސާވާތަކުގެ ތެރެއިން ބަލިކަށި ސާވާތައް އޭޕީޓީ10ން ދެނެގަނެފައިވާކަމަށެވެ. އަދި އެއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސައިފަރމާގެ ތުހުމަތުތަކާއި ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އިންޑިޔާގެ މުންބާއީން ކަރަންޓު ކެނޑުނު ހާދިޘާއަކާއި ޗައިނާގެ ހެކަރުންނާއި ގުޅުމެއްވޭތޯ ސުވާލުކުރުމުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމަކީ ސައިބަރ ޙަމަލާތަކާއި ދެކޮޅު ޤައުމެއްކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކަށްފަހު އެ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ ގޯސްވެފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ދެ ޤައުމުގެ ދެމެދުގައި ކޮށްފައިވާ މަޝްވަރާތަކަށްފަހު ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަންވަނީ ކުޑަވެފައެވެ.