ކުޅިވަރު

ކޯވިޑް 19 ވެކްސިން ޖެހުމަށް ދިން ފުރުސަތުގެ ބޭނުން ނުކުރަން ފޯމިއުލަރ ވަންއިން ނިންމުން


ފޯމިއުލަރ ވަން ކާރު ރޭސް ސީޒަންގެ ފުރަތަމަ ރޭސް ކަމަށްވާ ބަހްރެއިން ގްރޯން ޕްރީގައި ބައިވެރިވުމަށްޓަކައި ބަހްރެއިންއަށް ދާ ހުރިހާ ފަރާތްތަކަށް ކޯވިޑް 19 ވެކްސިން ޖެހުމަށް އެޤައުމުން ދިން ފުރުސަތުގެ ބޭނުން ނުހިފަން ފޯމިއުލަރ ވަންއިން ނިންމައިފިއެވެ.

ބަހްރެއިން އިން ބުނީ މިއީ އެޤައުމުން ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން އެޤައުމުގައި ބާއްވާ އިވެންޓްތަކަށް ހުޅުވާލައިފާވާ ފުރުސަތުގެ ދަށުން ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. އެފް ވަންގެ ފަރާތުން ބުނީ އެފް ވަންއިން ގްރޫޕެއްގެ ގޮތުގައި ކޯވިޑް 19 ވެކްސިން ޖެހުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެފް ވަން އިން މިކަން ކުރާނީ އިނގިރޭސިވިލާތުގެ ސިއްހީ ނިޒާމްގެ ތެރެއިން މިކަން ކުރަން ކަމަށްވެސް އެފަރާތުން ހާމަކުރޭ. އަދި އެފް ވަންގައި ވާދަކުރާ ހުރިހާ ޓީމްތަކުންވެސް ބަހްރެއިން ހުޅުވާލި މިފުރުސަތަށް ދޭނީ މި ޖަވާބުކަމުގައިވެސް ހާމަކޮށްފައިވެއެވެ.

ފޯމިއުލަރ ވަންގެ މައި އިދާރާ ގާއިމް ކޮށްފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ. އަދި އެފް ވަންގައި ވާދަކުރާ 10 ޓީމްގެ ތެރެއިން 8 ޓީމްގެ އޮފީސް ތަކާއި ފެސިލިޓީސްތައް ހުންނަނީ އިންގްލަންޑްގައެވެ. ބަހްރެއިން ސަރުކާރުން ވޮލަންޓަރީކޮށް މި ފުރުސަތު ހުޅުވާލީ އެފް ވަންގެ ހުރިހާ ޓީމުތަކާއި ރޭސް ކަވަރު ކުރުމަށް ދާ މީޑިއާގެ ހުރިހާ ފަރާތްތަކަށެވެ. މިގޮތުން މިހުރިހާ ފަރާތްތަކެއް މިމަހުގެ 12 އިން 14 އަށް ބާއްވާ ޕްރީ ސީޒަން ޓެސްޓިންގ އާއި މިމަހުގެ ފަހުކޮޅު ބާއްވާ ބަހްރެއިން ގްރޯން ޕްރީގެ ދުވަސްވަރު އެޤައުމުގައި ތިބޭނެއެވެ. ބަހްރެއިން އިންޓަރނޭޝަނަލް ސަރކިޓްގެ ފަރާތުން ހާމަކުރިގޮތުގައި ބަހްރެއިންއިން މިގޮތަށް ހުށަހަޅާފައިވަނީ މިފަހަރު ރޭސް ރޭވިފައިވާގޮތުން ޕްރީ ޓެސްޓިންގ އާއި ރޭހާއެކު ތިން ހާފްތާގެ މުއްދަތަށް މި އިވެންޓްގައި ބައިވެރިވާ ހުރިހާ ފާރާތްތަކެއް އެޤައުމުގައި ތިބޭނެތީއެވެ.