ކުޅިވަރު

އެވަޓަން އާއި ސައުތެމްޓަން ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި ސައުތުހެމްޓަން ބައްދަލުކުރިމެޗް އެވަޓަން ކާމިޔާބުކޮށްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އަދި ދެޓީމުންކުރެ އެއްވެސް ޓީމަކަށް މިމެޗްގައި މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި އެވަޓަންއަށް ޖަހާދިނީ ގިލްފީ ސިގަރޑްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ރިޗާލިސަންއެވެ. މިއީ މިމެޗްގައި އެވަޓަންއަށް ސައުތެމްޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނު ހަމައެކަނި ހަމަލާއެވެ. އަދި ސައުތެމްޓަންއަށްވެސް އެވަޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މިކާމިޔާބީއާއެކު އެވަޓަން މިވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާ ތާވަލްގެ ހަވަނައިގާ އޮތް ލިވަޕޫލް އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފައެވެ. އަދި ހަތަރު ވަނައިގާ އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ދެ ޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި ބާކީ އެވަޓަން އެއް މެޗް ނުކުޅެ އޮތުމުން ލީގުގެ ހަތަރު ވަނަ މަގާމަށް އެރުމުގެ ފުރުސަތު މިހާރު މިވަނީ ތަނަވަސްވެފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗު ކާލޯ އެންޗެލޯޓީ ހާމަކުރިގޮތުގައި އެޓީމަށް މިވަނީ މިއަންނަ ސީޒަންގައި ޔޫރަޕުން ޖާގައެއް ހޯދުމަށް ރަނގަޅު ފުރުސަތެއް ތަނަވަސްވެފައި ކަމަށާއި އަންނަ ބުރާސްފަތި ދުވަހު ވެސްޓް ބްރޮމްވިޗް އެލްބިއަންއާއި ބައްދަލުކުރާ މެޗުން މޮޅުވެެއްޖެ ނަމަ ހަތަރު ވަނައަށް ވަގުތީ ގޮތުން ނަމަވެސް އެރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެމެޗުން މޮޅުވެ ހަތަރު ވަނަ މަގާމަށް އެރުން ވަރަށް މުހިންމު ކަމަށާއި އެއީ އެފަދަ މަގާމަކަށް އެރުމުން ކުޅުންތެރިންނާއި މުޅި ޓީމަށް ކުރެވޭ އިހްސާސުތައް ދެނެގަތުމަށްޓަކައެވެ.

މިމެޗުން ބަލިވުމާއެކު ސައުތުހެމްޓަން މިހާރު މިވަނީ އެޓީމް އެންމެ ފަހުން ކުޅުނު 9 މެޗްގެ ތެރެއިން 8 މެޗުން ބަލިވެފައެވެ. އެޓީމް މިހާރު އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.