ޚަބަރު

މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކޮށްފި


މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުޅު ދެއްކެވި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މިނިސްޓަރ މަލީހަށް އިތުބާރު ނެތްކަމަށެވެ. އަދި ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން އެ މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދުތަކެއް ހަދާފައި ނުވުމަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް ގެއްލުންވާނެކަމެއްކަމަށެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމުގައި އެ ވަޒީރު ވަކިކުރާ ސަބަބާމެދު ބަހުސްކުރަން ނުޖެހޭނެކަމަށާއި، މަޖިލީހުގެ މެންބަރުންގެ އިތުބާރު ގެއްލުމުން އެ ވަޒީރަކު މަޤާމުން ވަކިކުރުމަކީ މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށެވެ.

"މިނަތީޖާ ނުނެރޭކަމަށްވަންޏާ އެ މަޤާމަކުން ދުރުކުރުމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ކުރަންޖެހޭނެކަމެއް. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއާދޭތެރޭ އަޅުގަނޑުމެން އެމްޑީޕީގެ 65 މެންބަރުންގެ އިތުބާރެއް ނެތް. އަޅުގަނޑުމެންގެ ހިތްހަމަ ނުޖެހުން އެބަހުރި. އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވާ ކަންކަން ހަމަ ގައިމުވެސް އެ މިނިސްޓްރީއަކަށް ފޯރުކޮށް ނުދެވުނު." އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ، މިނިސްޓަރ މަލީހަކީ އިޚްލާސްތެރި ތެދުވެރި ޤާބިލް ބޭފުޅެއްކަމަށާއި، ވަޒީރުކަމުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވިއިރު، މިހާތަނަށް އެމަނިކުފާނުގެ ވަޒީރުކަމުގެ ވާޖިބު އަދާނުކުރާ ކަމަށް އެޕާޓީއަށް ސަރުކާރުން ހުށައަޅާފައިނުވާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ފުރިހަމަ އިތުބާރު މަލީހަށް އެބައޮތްކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.

"މިކުރަމުންދާ މަސައްކަތަކީ އެމްޑީޕީ އިސްވެ އޮވެ ކުރައްވާ ސިޔާސީ މަސައްކަތެއް. މަލީހު މަސައްކަތެއް ނުކޮށްގެންނެއް ނޫނޭ ވަކިކުރަނީ. ޖޭޕީ އަދި އަޅުގަނޑުގެ އިތުބާރު އެބައޮތޭ. ވަރަށް އިޚްލާސްތެރި އަދި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތައް ކުރެއްވި ބޭފުޅެކޭ. މިއީ ސަރުކާރުގެ ތެރެއިން ހުށައެޅިގެން ކުރިއަށްދާކަމެއް ނޫން މިއީ."ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.

މިމައްސަލައަށް ވާހަކަ ދައްކަވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުން އެކަމުގެ ޒިންމާ ހަމައެކަނި ނަގަންޖެހޭނީ ވަޒީރުން ނޫންކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުންކަމަށެވެ.

"މިއަދު އިތުބާރު އޮތީ ކޮން ވުޒާރާއަކަށްތޯ އަޅުގަނޑުމެން ސުވާލު އުފައްދަންޖެހޭ. ރައްޔިތުން ވެރިކަމަށް އިސްކުރީ އެޗްޕީއޭގެ ޑައިރެކްޓަރެއް ނޫން. ދިވެހި ރައްޔިތުން ވެރިކަމަށް އިސްކުރީ އިބްރާހިމް މުހައްމަދު ޞާލިޙް." މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިމައްސަލައަށް ޖަވާބުދާރީވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، މަޤާމުން ވަކިކުރުމަށް ހުށައެޅި މައްސަލައަކީ ދޮގު އިލްޒާމްތަކެއް އަޅުވައިގެން ހުށައަޅާފައިވާ މައްސަލައެއްކަމަށެވެ. އެ މައްސަލައިގައި ބަޔާންކުރާ ޤަވާއިދުތައް މިސަރުކާރުގެ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ހަދާ ނިންމާފައިވާކަމަށް މަލީހު ވިދާޅުވިއެވެ.

"54 މުވައްޒަފުން ތިބޭ ތަނަކު ތިއްބެވީ 18 މުވައްޒަފުން. އެކަމުގެ ޒިންމާ ނަގަން ޖެހޭނީވެސް އަޅުގަނޑުތޯ؟ މުވައްޒަފުން ނުދިންނަމަވެސް، ބައު ގުދަންގަނޑެއް ދިންނަމަވެސް، ވުޒާރާއެއް ހިންގުމަށް 15 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނަސް އެއްވެސް ކަމެއް ނުކޮށް ނޯންނާނެ." މުޙައްމަދު މަލީހު ޖަމާލް ވިދާޅުވިއެވެ.

މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގައި މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅާ ފާސްކުރެއްވިއިރު، މަލީހު މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މަޖިލީހާއި މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން ވަރަށް ބޮޑަށް މަލީހަށް އަމާޒުވެގެން ގޮސްފައިވެއެވެ.

މަލީހު ވަޒީރުކަމުގެ މަޤާމުން ދުރުކުރެއްވިއިރު، މިއީ މި ސަރުކާރުގެ ވަޒީރަކު ވަޒީރުކަމުން ވަކިކުރުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ތިން ވަޒީރަކު މަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އެއީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާއާއި، ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްއެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.