ކުޅިވަރު

ޝެފީލްޑް ޔުނައިޓެޑް ބަލިވެ ތާވަލްގެ ފުލަށް


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ޝެފީލްޑްގެ ކީޕަރ އާރޮން ރަމްސްޑޭލް ވަނީ ލިވަޕޫލްގެ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހައިދިނީ ކަރޓިސް ޖޯންސްއެވެ. އަދި މިމެޗްގެ 65 ވަނަ މިނެޓްގައި ލިވަޕޫލުންވަނީ އެޓީމް ގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑަކީ ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ޝެފީލްޑްގެ ގޯލަށް ފޮނުވާލި ހަމަލާއެއް ޝެފީލްޑްގެ ކީން ބްރަޔަންގެ ގައިގަ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ލިވަޕޫލުން އިނގިރޭސި ފުރަތަމަ ޑިވިޜަންގައި ކާމިޔާބުކުރި 7000 ވަނަ ލަނޑެވެ. ލިވަޕޫލް ވެފައިވަނީ ހަތްހާސް ލަނޑު ޖެހި ދެވަނަ ކްލަބަށެވެ. މިޝަރަފް އެންމެ ފުރަތަމަ ހޯދި ކްލަބަކަށް ވެފައިވަނީ އެވަޓަންއެވެ. އެޓީމުންވަނީ މިހާތަނަށް 7108 ލަނޑު ޖަހާފައެވެ.
މިމެޗް ކާމިޔާބު ކުރުމުން ލިވަޕޫލް މިހާރު އުޅެނީ 26 މެޗް ކުޅެ ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 6ވަނައިގައެވެ. އަދި ހަތަރު ވަނައިގާ އުޅޭ ވެސްޓް ހޭމް ޔުނައިޓެޑާއި ދެ ޕޮއިންޓަށް ގާތް ވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ބުނީ ގިނަ ފަރާތްތަކުން ލިވަޕޫލަށް ކުރާ އުންމީދު މިހާރު ކަނޑާލާފައިވާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އަދިވެސް އޭނާގެ ޓީމް އޮތީ ރަނގަޅު ހިސާބެއް ގައި ކަމަށެވެ. އަދި މިއަންނަ ބުރާސްފަތި ދުވަހު ޗެލްސީއާއެކު ކުޅޭ މެޗްގައި އަނެއްކާވެސް ރަނގަޅު ނަތީޖާއެއް ނެރެންޖެހޭ ކަމަށާއި ރަނގަޅު ނަތީޖާ ނުނެރި ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބޭނެ ކަމަށް ކްލޮޕް ބުންޏެވެ.

މިމެޗުން ބަލިވުމުން ޝެފީލްޑް އަދިވެސް އޮތީ 11 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ. އަދި މިއީ އެޓީމް މިފަހަރު ލީގުގައި ބަލިވި 21 ވަނަ މެޗެވެ. ޕްރިމިއަރ ލީގުގެ ތާރީހްގައި ބާކީ 12 މެޗް އޮތް އިރު ރެލިގޭޝަނުން ސަލާމަތް ވުމަށްޓަކައި 15 ޕޮއިންޓް ބޭނުންވާ އެއްވެސް ޓީމަކަށް އެކަމުން ސަލާމަތްވެވިފައެއް ނުވެއެެވެ. އަދި މިކަން ކާމިޔާބު ކުރަން ބޭނުން ނަމަ ޝެފީލްޑަށް ކުރިއަށް ހުރި ގިނަ މެޗްތަކެއް ކާމިޔާބު ކުރުމުގެ އިތުރުން އެހެން ޓީމްތަކުގެ ނަތީޖާތަކަށްވެސް އެޓީމާއެއްކޮޅަށް ދާން ޖެހެއެވެ.