ކުޅިވަރު

އޭސީ މިލާނާއި އޭއެސް ރޯމާ ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި އޭއެސް ރޯމާ ބައްދަލުކުރިމެޗް މިލާން ކާމިޔާބުކޮށްފިއެވެ. ރޯމާގެ ދަނޑުގައި ކުޅުނު މިމެޗް މިލާން ކާމިޔާބުކުރީ 2 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގައި ދެޓީމްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މިލާންގެ ފްރޭންކް ކެސީއެވެ. މި ޕެނަލްޓީއަކީ ރޯމާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމްގެ ފެޑެރީކޯ ފާޒިއޯ މިލާންގެ ޑެވީޑެ ކެލެބްރިއާއަށް ފައުލް ކުރުމުން ލިބުނު ޕެނަލްޓީއެކެވެ. މިމެޗްގައި ރޯމާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހާދިނީ ޖޯޑަން ވެރެޓޫޓްއެވެ. ނަމަވެސް ރޯމާއިން ނަތީޖާ ހަމަހަމަ ކުރިތާ އަށް މިނެޓް ފަހުން މިލާންއިން ވަނީ މިމެޗްގައި އަނެއްކާވެސް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އެންޓެ ރެބިޗްއެވެ. މިމެޗްގައި މީގެ އިތުރުންވެސް މިލާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭކާރުވިއެެވެ. މިމެޗްގެ ދެވަނަ ހާފްގައި މިލާންގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްއަށް އަނިޔާވެގެންވަނީ ބާލާފައެވެ.

މިމެޗް ކާމިޔާބު ކުރުމުން މިލާން މިހާރު ވަނީ ކުޅުނު 24 މެޗުން 52 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓަރ މިލާނާއި ދެމެދުގައި ވާ ފަރަގު މިހާރު އުޅެނީ ހަތަރު ޕޮއިންޓްގައެވެ. މިމެޗުން ބަލިވުމުން ރޯމާ މިހާރުވަނީ ފަސްވަނައަށް ވެއްޓިފައެވެ. އެޓީމަށް ލިބިފައިވަނީ 24 މެޗުން 44 ޕޮއިންޓެވެ.