ދުނިޔެ

މިޔަންމާގެ މުޒާހަރާތަކުގަައި ފުލުހުން ބަޑިޖެހުމުން 18 މީހުން މަރުވެއްޖެ


މިޔަންމާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ އިތުރު 18 މީހުން މަރުވެއްޖެއެވެ.

މިޔަންމާގެ ޑިމޮކްރަޓިކް ލީޑަރު އަން ސަން ސޫކީ އާއި އޭނާގެ ސަރުކާރާއި ދެކޮޅަށް އެ ޤައުމުގެ ސިފައިން ބަޣާވާތްކޮށް، ސޫކީއާއި އެނާގެ ސަރުކާރަށް ނިސްބަތްވާ އިސް ގިނަ އޮފިޝަލުންތަކެއް ހައްޔަރުކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިން ވަނީ އެ ޤައުމުގައި އެއް އަހަރުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތާއި ގުޅިގެން ސޫކީ ދޫކޮށްލުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުންދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ. އެ ޤައުމުގައި މުޒާހަރާތައް ކުރަމުންދާތާ މިއީ ހަތަރުވަނަ ހަފުތާއެވެ. މުޒާހަރާތަކުގައި މީގެ ކުރިން ހަތަރު މީހުން މަރުވެފައިވާއިރު މުޒާހަރާތަކުގައި މިހާތަނަށް އެންމެ އަނިޔާވެރި ދުވަހުގެ ގޮތުގައި ފާހަގަވެފައިވަނީ ފާއިތުވި 24 ގަޑިއިރެވެ.

އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ އިދާރާއިން ބުނީ މިޔަންމާގައި ކުރަމުންދާ މުޒާހަރާތަކުގައި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުގައި މަދުވެގެން 18 މީހުން މަރުވެ 30 މީހުން ޒަހަމްވެފައިވާކަމަށެވެ. އާންމުންގެ މީހުން ސުލްހަވެރި މުޒާހަރާއެއް ކުރަމުންދަނިކޮށް މިޔަންމާގެ ފުލުހުންނާއި އަސްކަރިއްޔާއިން މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކޮށް މިޔަންމާގެ އެކި ސަރަޙައްދުތަކުގައި އަނިޔާވެރި ގޮތަކަށް އަމަލުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ އިދާރާގެ ތަރުޖަމާނު، ރަވީނާ ޝަމްދަސާނީ ވިދާޅުވީ މިޔަންމާގެ ޔަންގޮން، ދާވައި، މަންޑެލޭ، ޔެއިކް، ބާގޯ އަދި ޕޮއްކޮކުގައި މުޒާހަރާކުރަމުންދިޔަ މީހުންނާއި ދެކޮޅަށް ފުލުހުންނާއި އަސްކަރިއްޔާއިން ބަޑިޖަހާފައިވާކަމަށެވެ. އޭގެ އިތުރުން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑުފަދަ ތަކެތި ބޭނުންކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާންމުންނާއި ދެކޮޅަށް ބާރުގެ ބޭނުންކުރުން އދ ގެ އިންސާނީ ހައްޤުތަކާއިބެހޭ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ ކުށްވެރިކޮށްފައެވެ. އަދި ސުލްހަވެރި މުޒާހަރާތައް ކުރަމުންދާ އާންމުންނާއި ދެކޮޅަށް އަނިޔާވެރި ނުވުމަށް އެ ބަޔާނުގައިވަނީ ގޮވައިލާފައެވެ. މިޔަންމާގެ ރައްޔިތުންނަށް ސުލްހަވެރި އެއްވުންތަކުގައި ބައިވެރިވެ ޤައުމުގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ގޮވައިލުމުގެ ހައްޤު ލިބިގެންވާކަން އެ ބަޔާނުގައިވަނީ ހަނދާންކޮށްދީފައެވެ. އެ ހައްޤުތަކަށް އަސްކަރިއްޔާއާއި ފުލުހުންވެސް އިހްތިރާމްކުރަންޖެހޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

އދން ބުނީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ބޭއްވި މުޒާހަރާތަކުގައި މިޔަންމާގެ 85 ޞިއްޙީ ޚިދުމަތްތެރިންނާއި ދަރިވަރުންގެ އިތުރުން 7 ނޫސްވެރިން ހައްޔަރުކޮށްފައިވާކަމަށެވެ. ފެބްރުއަރީ މަހުގެ ތެރޭގައި މިހާތަނަށް 1،000އަށްވުރެ ގިނަ މީހުން ވަކި ސަބަބަކާއި ނުލާ ބެލުމެއް ނެތި ހައްޔަރުކޮށްފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އެފަދަ ފަރާތްތައް ދޫކޮށްލުމަށް އެ އިދާރާއިން ނެރުނު ބަޔާނުގައިވަނީ ގޮވައިލާފައެވެ.