އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ކްލީވްލަންޑް ކެވެލިއަރސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް ކެވެލިއަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ކެވެލިއަރސް ކާމިޔާބުކުރީ 112 ޕޮއިންޓް 109 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކެވެލިއަރސްގެ ކޮލިން ސެކްސްޓަންވަނީ އެޓީމަށް 28 ޕޮއިންޓް ހޯދައިދީފައެވެ. އަދި ޑަރިއަސް ގަރލަންޑް ވަނީ އެޓީމަށް 25 ޕޮއިންޓް ހޯދާދީ 9 އެސިސްޓް ކޮށްފައެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 42 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާފައެވެ.
މި މުބާރާތުގައި ޔޫޓާ ޖޭޒް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗް 124 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ޑޮނޮވަން މިޝޭލްވަނީ އެޓީމަށް 31 ޕޮއިންޓް ހޯދައިދީފައެވެ. އަދި މެޖިކްގެ ނިކޮލާ ވުސެވިޗްވަނީ އެޓީމަށް 34 ޕޮއިންޓް ހޯދައިދީ 8 ރީބައުންޓް ނަގާފައެވެ. މީގެއިތުރުން ޑެލަސް މެވްރިކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 98 ޕޮއިންޓުން ކާމިޔާބު ކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީފައެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދިން ޖޭމްސް ހާޑެންއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ޑެންވަރ ނަގެޓްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 126 ޕޮއިންޓް 96 ޕޮއިންޓުން ނަގެޓްސް ކާމިޔާބުކުރި އިރު ނިއުޔޯކް ނިކްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ. ސެން އެންޓޯނިއޯ ސްޕަރސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 117 ޕޮއިންޓް 114 ޕޮއިންޓުން ސްޕަރސް ކާމިޔާބުކުރިއިރު ވޮޝިންގޓަން ވިޒަޑްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑަސްއެވެ.