ޚަބަރު

ޒިކްރާ މިސްކިތުގެ މައްސަލައިގައި ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް މަޖިލީހުން ހޯދަނީ


ޒިކްރާ މިސްކިތް ޢިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނަށް ފިނޭންސް މިނިސްޓްރީން ދީފައިވާ 30 މިލިއަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް ކުރާ މަސައްކަތުގެ ތަފްސީލް ހޯދުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ކުރީގެ ޒިކްރާ މިސްކިތް ހުރި ބިމުގައި، މިސްކިތް ތަޅާލުމަށްފަހު އޮފީސް ބައިތަކާއެކު "ދާރުލް ޛިކްރާ"ގެ ނަމުގައި ވަޤުފު އިމާރާތެއް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން އެކުންފުނިން އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވެއެވެ. އެ މިސްކިތް ޢިމާރާތްކުރުމަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، މާލިއްޔަތު ކޮމިޓީން ވަނީ އޮޑިޓް ރިޕޯޓުގައި އިޞްލާޙުކުރުމަށް ލަފާދެއްވާފައިވާ ކަންތައް އިޞްލާޙުކުރުމަށް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ މަސައްކަތުގެ ތަފްސީލް ކޮމިޓީއަށް ފޮނުވާދެއްވުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ދެންނެވުމަށްވެސް ފާސްކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސުން، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވާ 30 މިލިއަން ރުފިޔާ އަނބުރާ ހޯދެއްވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރާ މަސައްކަތަކީ ކޮބާކަމާއި، އެ މަސައްކަތްތައް ކުރަން ފައްޓަވާނެ ތާރީޚް ހޯދުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމަށްވެސް ކޮމިޓިގައި ބައިވެރިވެވަޑައިގެންނވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

"ދާރުލް ޛިކްރާ"ގެ ނަމުގައި ވަޤުފު އިމާރާތެއް އިމާރާތްކުރުމަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެސް.ޖޭ ކޮންސްޓްރަކްޝަނާ ރައީސް ޔާމީންގެ ސަރުކާރުން ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ.

ޒިކުރާ މިސްކިތް އެޅުމަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ 30 މިލިޔަން ރުފިޔާއެވެ. އަދި ބާކީ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުންނެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 130 މިލިޔަން ރުފިޔާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 25 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށެވެ. ނަމަވެސް އެމުއްދަތުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ ސަރުކާރުން ވަނީ އެއްބަސްވުން އުވާލާފައެވެ. އެހެންކަމުން އެ އެއްބަސްވުން އުވާލުމުން އެކުންފުންނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެސްޖޭ ކޮންސްޓަރަކްޝަނުން ވަނީ މައްސަލަ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހުށައަޅާފައެވެ.

އެމައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައިވެސް ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަމަށެވެ. އެހެންކަމުން އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތްކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލާގައި ބަދަލު ނަގައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވާއިރު، ޒިކްރާ މިސްކިތުގެ ހެދުމަށް 2018 ވަނަ އަހަރު ކޮންޓްރެކްޓަރާއިއެކު ހެދި އެއްބަސްވުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައިވެސް ހާމަކޮށްފައިވެއެވެ. އަދި މިމައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރ، ޑރ.އަޙްމަދު ޒިޔާދާއި، އޭރު އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށްހުރި އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރުމަށް ވަނީ ފޮނުވާފައެވެ.

ބަކުރު

ދެންކޮން އިރަކުންނޯ މިސްކިތް ހެދެނީ