ޚަބަރު

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި


އިދިކޮޅު ޕްރޮގްރޮސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެގެ މުޒާހަރާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 30 މީހުންކަމަށާއި، އެމީހުން މިހާރު ދޫކޮށްލާފައިވާކަމަށެވެ. އަދި އެމީހުންގެ ތެރެއިން 3 މީހުން ފިޔަވައި ދެން ތިބި މީހުން އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފްވުމުން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ މުޒާހަރާކޮށްފައި ވަނީ މާލޭގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން، އެއްވުންތަކާއި މުޒާހަރާތައް ބާއްވައިފިނަމަ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުންނާއި ހޯމް މިނިސްޓްރީން ދުރާލާ ދީފައިވަނިކޮށެވެ. ނަމަވެސް އިދިކޮޅުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރި ބަލިޖެހޭ މީހުންގެ ޢަދަދު އިތުވަމުން އަންނަ ދުވަސްވަރަކަށްވާތީ އެކަމުގެ ނުރައްކާ ބޮޑުވެދާނެކަމުގެ އިންޒާރު އެޗްޕީއޭއާއި ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ދެމުންނެވެ. އަދި މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭގެ ގައިޑްލައިނުން ވަނީ މަނާކޮށްފައެވެ.